26 މާޗް 2017 - 22:56

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް މާދަމާ ނަގާ އިތުބާރު ނެތް ކަމުގެ ވޯޓްގައި މަސީހާ އެއްކޮޅަށް ވޯޓް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު އަމީތު މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓް ދެއްވާނީ މަސީހާ ދެކޮޅަށް ކަމަށެވެ.
"ގައުމުގެ މަސްލަހަތަށްޓަކައި ވެސް އަހަރެންގެ އަޚުންގެ ކިބައިން ވެސް އެދެން އެ ގޮތަށް އަމަލު ކުރުމަށް،" އަމީތުގެ ޓްވީޓްގައި ވިދާޅުވި އެވެ. "ﷲ ފިޔަވައި އެހެން ފަރާތެއް ދެކެ ބިރު ނުގަނޭ."
އަމީތަކީ ފަހަކަށް އައިސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމަވާ އެކިއެކި ނިންމުންތަކަށް ފާޅުގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ މެމްބަރެކެވެ.
އެގޮތުން ބިދޭސީންނަށް ރާއްޖޭގެ ބިންތައް މިލްކު ކުރުމާ ދެކޮޅަށް ވެސް އޭނާ ވަނީ ވާހަކަ ދައްކަވައިފަ އެވެ.