18 ސެޕްޓެމްބަރ 2025 - 09:30

މީޑިއާ ރެގިއުލޭޓް ކުރުމަށްޓަކައި މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބިލުން ހައްލެއް ނުލިބޭތީ އެ ބިލް ތަސްދީގު ނުކުރައްވަން ނޫސްވެރިންގެ ޖަމިއްޔާ އިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން އެދިއްޖެ އެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޖަމިއްޔާގެ އާ ރައީސް އަހުމަދު ނާއިފް ވިދާޅުވީ، ބިލް ތަސްދީގު ކުރެއްވިޔަސް އެ އަށް އެ ޖަމިއްޔާ އިން އަމަލު ނުކުރާނެ ކަމަށެވެ.
ނާއިފް ވިދާޅުވީ، މީޑިއާ ބިލާ ގުޅޭ ގޮތުން އެމްޖޭއޭ އިން "ހިފަހައްޓާ ސްޓޭންޑް" އަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އެ ޖަމިއްޔާގެ ގޮވައިލުމަކީ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލިހަށް ފޮނުވައިލެއްވުން ކަމަށެވެ.
ނާއިފް ވިދާޅުވީ، ބިލް ތަސްދީގު ކުރައްވައިފި ނަމަ އެ ގާނޫނަށް "ގޮންޖަހާނަން" ކަމަށާއި އޭގެ ބޭރުން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.
އޭގެ ތެރޭގައި އިހުތިޖާޖުތަކާއި މަދަނީ ބަސްނޭހުމާއި ރައްޔިތުން ހޭލުންތެރި ކުރުވުން ފަދަ ކަންކަން ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާއިފް ވިދާޅުވި ގޮތުގައި، އިސްލާހުތަކާ އެކު ބިލް ފާސްކުރި ނަމަވެސް ނޫސްވެރިން އަމިއްލަ އަށް ރެގިއުލޭޓް ކުރެވޭ ގޮތަށް މިހާރު އޮތް ނިޒާމު މީޑިއާ ބިލްގެ ސަބަބުން އެއްކޮށް ނެތިދާނެ އެވެ. ދެން އުފެދޭނީ ސަރުކާރުގެ ނުފޫޒު އޮންނަ އާ ނިޒާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓް ކުރަން ވާނީ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމެއްގެ ތެރެއިން. އަޅުގަނޑުމެން ސެލްފް ރެގިއުލޭޓް ކުރުމާ ދެކޮޅީއެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އެ ނިޒާމު ސެލްފް ރެގިއުލޭޓަރީ ނިޒާމެއްގެ ތެރެއިން ހިނގަން،" ދައުރު އޮންލައިންގެ އެސޯސިއޭޓް އެޑިޓަރުގެ މަގާމު ވެސް ފުރުއްވާ ނާއިފް ވިދާޅުވި އެވެ.
އެމްޖޭއޭ އިން ބުނީ، ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި އިސްލާހުތަކާ އެކު، ބިލް ފާސްކުރި ނަމަވެސް އަދިވެސް ކަންކަން އިސްލާހު ނުވާ ކަމަށެވެ. އޭގެ ތެރޭގައި ކޮމިޝަނަށް އައްޔަންކުރާ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު ރައްޔިތުންގެ މަޖިލިހުން އައްޔަންކުރާ ގޮތަށް ފަހުން ގެނައި އިސްލާހާއި މަޖިލިހުން ބޭނުންވެއްޖެ ނަމަ ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރުމުގެ އިސްލާހު ހިމެނޭ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. އަދި ކޮމިޝަންގެ ރައީސް އައްޔަންކުރުމުގެ ބާރު ވެސް ރައްޔިތުންގެ މަޖިލިހަށް ލިބޭ ގޮތަށް އިސްލާހު ހުށަހަޅައި އެ ގޮތަށް ފާސްކުރުން ވެސް އެއީ ކަންބޮޑުވުމެއް ކަމަށް އެމްޖޭއޭ އިން ފާހަގަކުރި އެވެ.
އެ ނޫން ވެސް އިތުރު އެތައް މައްސަލައެއް އެމްޖޭއޭގެ ކަންބޮޑުވުމުގެ ލިސްޓުގައި ހިމެނެ އެވެ.
މީޑިއާ ރެގިއުލޭޓް ކުރާ ބިލުގައި، ވަކި ވަކި ނޫސްވެރިން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ ކުރެވޭ ގޮތަށާއި އެއް އަހަރު ދުވަހުގެ ކުރީގެ މައްސަލަތައް ބެލޭ ގޮތަށް އޮތް ކުރިން ބަޔާންކޮށްފައި އޮތަސް މަޖިލިހުން ބިލް ފާސްކުރީ އެ ބައިތައް އުނިކޮށްފަ އެވެ.
މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ މާއްދާގައި މިހާރު ބުނެފައިވާ ގޮތުގައި އެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، އާންމުންގެ ކިބައިން މާފަށް އެދުމާ އެކު ކޮމިޝަނުން އަންގާ ވަގުތެއްގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހު އާންމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިއުމަށް ބަޔާނެއް އާންމުކޮށް އަންގަން ޖެހެ އެވެ.
ބިލުގައިވާ ގޮތުން، މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ތެދު ނޫން މައުލޫމާތެއް ހާމަކޮށްފި ނަމަ، އެ މައުލޫމާތެއް އެއީ ތެދު ނޫން މައުލޫމާތެއްކަން އެންގުމާ އެކު ވީހާވެސް އަވަހަކަށް އެ ކަމަށް މާފަށް އެދެން ޖެހެ އެވެ. އަދި އެފަދަ މައުލޫމާތު އިސްލާހުކުރާ ކަން ނުވަތަ އެކަމަށް މާފަށް އެދޭކަން އެފަދަ މައުލޫމާތެއް ހާމަކުރި ފަރާތަކުން އާންމުކޮށް އެނގޭ ގޮތަށް ހާމަކުރަންޖެހެ އެވެ.
އެ ގާނޫނުގެ ދަށުން ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސް މަޖައްލާއަކުން ހިލާފުވެއްޖެ ނަމަ، މައްސަލައިގެ ކުޑަ ބޮޑުމިނަށާއި ގާނޫނާ ހިލާފުވުމުން ތަކުރާރުވަމުންދާ މިންވަރަށް ރިއާޔަތްކޮށް ފިޔަވަޅު އަޅާނެ އެވެ. ނޫސްތައް 5000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ބިލުގައިވެ އެވެެ.
މީޑިއާ ރެގިއުލޭޓްކުރާ ބިލްގައި ކަންބޮޑުވާ ކަންތައްތައްތައް ހުރުމުން އެ ބިލް ތަސްދީގު ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ވަނީ ރޭ ގޮވާލައިފަ އެވެ. އަދި އެ ކަމަށް އެދި މީޑިއާ ކައުންސިލުން ވަނީ ރައީސް މުއިއްޒަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.