އިންޑިއާއިން ނެގި 50 މިލިއަން ޑޮލަރުގެ ޓީބިލް ފަސްކޮށްދީފި
އިންޑިއާއިން ނެގި 50 މިލިއަން ޑޮލަރުގެ ޓީބިލް ފަސްކޮށްދީފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބިލްގެ ތެރެއިން، މި މަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ވެސް އަނބުރާ ދެއްކުން އިންޑިއާއިން އަނެއްކާ ވެސް ފަސްކޮށްދީފި އެވެ.

އިންޑިއާއިން ނެގި 50 މިލިއަން ޑޮލަރުގެ ޓީބިލް ފަސްކޮށްދީފި
އިންޑިއާއިން ނެގި 50 މިލިއަން ޑޮލަރުގެ ޓީބިލް ފަސްކޮށްދީފި

އެ ޓީބިލް ދައްކަން ޖެހެނީ މިއަދުގެ ނިޔަލަށެވެ. އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އިއްޔެ ފިނޭންސް މިނިސްޓްރީގައި ބައްދަލުކުރައްވައި މަޝްވަރާކުރެއްވި އެވެ.

އެ ޓީބިލަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ގައި ސަރުކާރުން އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް ނެގި 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ އަދަދެކެވެ.

އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ. އޭގެ ތެރެއިން 2024 އަހަރުގެ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ އެއް ޓީބިލް ސަރުކާރުން އަނބުރާ ދައްކައިފަ އެވެ. ބާކީ ނުދައްކާ ހުރި 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ މެއި މަހު އަނބުރާ ދައްކަން ޖެހިފައި ވަނިކޮށް އެ ފައިސާ ވެސް އިންޑިއާ ސަރުކާރުން އިތުރު އެއް އަހަރަށް އެ މަހު އިތުރުކޮށްދިނެވެ.

މިދިޔަ އަހަރު ވެސް ކޮށްދިން ގޮތަށް މިފަހަރު ވެސް ފަސްކޮށްދިނީ ޓީބިލްގެ ބާކީ ނުދައްކާ އޮތް އަދަދެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އިއްޔެ ބޭއްވި ބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސް ކުރެވޭ މުހިންމު ތަރައްގީގެ މަޝްރޫއުތަކުގެ ޕޯޓްފޯލިއޯއާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ. އަދި އެކަން ތަންފީޒުކުރުމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކާ މެދު މަޝްވަރާކުރައްވައި، ރައްޔިތުންގެ މަންފާއަށްޓަކައި އެ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ނިންމުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ގޮތުން މަޝްވަރާތައް ކޮށްފައިވެ އެވެ.

ބަޖެޓް ސަޕޯޓަށް ދިން 100 މިލިއަން ޑޮލަރު ފަސްކޮށްދިނުމުގެ އިތުރުން ރާއްޖެ އަށް 750 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ކަނޑައަޅައި، އޭގެ ތެރެއިން 400 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ބޭނުން ކުރަން ފަށައިފަ އެވެ. އަދި ބާކީ 30 ބިލިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީ ވެސް ނެގުމަށްޓަކައި ސަރުކާރުން އަންނަނީ އިންޑިއާގެ ސެންޓްރަލް ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކު މަޝްވަރާތައް ކުރަމުންނެވެ.