17 ސެޕްޓެމްބަރ 2025 - 23:06

މި މަހުގެ ނުވަ ވަނަ ދުވަހު އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާގެ އަމާޒަކަށްވި ހަމާސްގެ ލީޑަރުންގެ ތެރެއިން ބޭފުޅަކު އެކަމާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ދިން އިންޓަވިއު އަލް ޖަޒީރާއިން ދައްކައިފި އެވެ.

އަލް ޖަޒީރާއިން މިރޭ ލައިވްކޮށް ގެނެސްދިނީ ހަމާސްގެ އެންމެ އިސް ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޣާޒީ ހަމަދްގެ އިންޓަވިއުއެކެވެ. އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުން ހަމަލާ ދިނީ ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކާ ބެހޭ ގޮތުން މަޝްވަރާ ފެށިތާ ގަޑިއެއްގެ އިރު ވެސް ނުވަނީހެވެ.
"މިނެޓަކަށް ވުރެ ވެސް ކުރު ވަގުތުކޮޅެއްގެ ތެރޭ، ހުއްޓުމެއް ނެތި ބާރަ ވަރަކަށް ރޮކެޓު އަމާޒުވި،" ހަމަދް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތައި ބައްދަލުވުމުގައި ތިއްބެވި ބޭފުޅުންނަށް އެއީ އިޒްރޭލުގެ ހަމަލާއެއްކަން ވަގުތުން އެނގުނެވެ.
"ކަލާނގެ މިންވަރު ކުރެއްވީ މި އަނިޔާވެރި އަމަލުން ސަލާމަތްވާން...،" ހަމަދް ވިދާޅުވި އެވެ.
ހަމާސްއާ ގާތް ގުޅުން އޮންނަ ފަރާތްތަކުން ބުނާ ގޮތުގައި ހަމަދު އަކީ އިޒްރޭލުން ހަމަލާ ދިން އިމާރާތުގައި ތިއްބެވި ހަމާސްގެ ހަ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެ ގްރޫޕުގައި ހިމެނިވަޑައިގަންނަވަނީ އިސް ނެގޯޝިއޭޓަރު ޚަލީލް އަލް ހައްޔާ އާއި ކުރީގެ ވެރިޔާ ޚާލިދު މިޝްއަލް އާއި ހުޅަނގު އައްސޭރީގެ ވެރިޔާ ޒަހެރް ޖަބަރީން އާއި ޕޮލިޓިކަލް ބިއުރޯގެ މެމްބަރުން ކަމަށްވާ ބާސިމް ނައީމް އާއި ތަހެރް އަލް ނޫނޫ އެވެ.
އިޒްރޭލުން ދިން ހަމަލާގައި ހައްޔާގެ ދަރިކަލުން އަވަހާރަވެފައި ވާއިރު، ހަމާސް އިން ކުރިން ވެސް ވަނީ ހައްޔާ އަވަހާރަނުވާ ކަމަށް ބުނެފަ އެވެ. އެކަމަކު އޭރު މިކަމާ ގުޅޭ އެއްވެސް ހެއްކެއް ނުދައްކަ އެވެ. -- އޭއެފްޕީ