17 ސެޕްޓެމްބަރ 2025 - 15:46

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ހުޅުމާލެއިން 28.7 މިލިއަން ރުފިޔާއަށް ބިމެއް ބައްލަވައިގެންފި އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ 2 ގެ ބިމެއް މިދިޔަ ޖުލައި މަހު ފަލާހަށް ވިއްކަން ނިންމައި، އެއްބަސްވުން ހަދާފައިވާ ކަމަށެވެ.
ހުކުމުގައިވާ ގޮތުން 3،250 އަކަފޫޓުގެ އެ އަމިއްލަ ބިމުގެ އަގަކީ 26.6 މިލިއަން ރުފިޔާ ކަމަށްވީ ނަމަވެސް ޖީއެސްޓީއާ އެކު ބިމުގެ އަގަކީ 28.7 މިލިއަން ރުފިޔާ އެވެ. އެ އަގު ފަލާހް މިހާރު އެއްކޮށް ދައްކައި، ނިންމާފައިވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން އެ ބިން ފަލާހަށް މިލްކުވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ފަލާހްގެ މާލީބަޔާން ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން އާންމު ކުރިއިރު، ފަލާހް ރ. އިންނަމާދޫގައި ވެސް ފަލާހްގެ ނަމުގައި ބިންތަކެއް ހުރެ އެވެ. އަދި އާމްދަނީގެ ގޮތުގައި ވެސް ފަސް މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބަޔާންތަކުގައި ވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މާލީ ބަޔާންތައް ހާމަވި ދުވަސްކޮޅާ ދިމާކޮށް ފަލާހު މި މަހުގެ ތިން ވަނަ ދުވަހު ވިދާޅުވީ، ހުޅުމާލެ އިން ބައްލަވައިގަނެފައިވާ ގޯތި ވެސް އުޅެނީ ރަޖިސްޓަރީ ބަދަލުކުރުމުގެ މަރުހަލާގައި ކަމަށެވެ.
"އަދި އިންނަމާދޫ އިން ގަނެފައި ރެޖިސްޓްރީ ބަދަލުވުމުގެ މަރްހަލާގައި ތިން ގޯތި އެބައުޅޭ،" ފަލާހު ވިދާޅުވި އެވެ.