17 ސެޕްޓެމްބަރ 2025 - 15:29

މީޑިއާ ބިލް ފާސްކުރުމާ ދެކޮޅަށް އިއްޔެ ކުރި މުޒާހަރާ ހުއްޓުވުމުގައި ފުލުހުން އަމަލުކުރި ގޮތުގެ މައްސަލަ އެމްޑީޕީން ނެޝަަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފި އެވެ.
އެންއައިސީގެ ބޭރުގައި އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގާނޫނީ ވަކީލު އައިކު އަހުމަދު އީސާ ތުހުމަތުކުރެއްވި ގޮތުގައި އިއްޔެގެ މުޒާހަރާގައި ބައިވެރިވި އެމްޑީޕީގެ މެންބަރުންނާއި ބައެއް ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ވަނީ އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށްފަ އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު ޝާހުގެ މޫނުމަތީގައި އަތް އަޅަައި "ބޯ އުފުރައިލަން އުޅޭ ފަދަ ގޮތަކަށް ދެމި" މައްސަލަ ކަމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބައެއް ނޫސްވެރިންނަށް އަނިޔާވާ ގޮތަށް އަމަލުކުރި މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފުރަތަމަ މިހުށަހެޅީ ޝާހުގެ [އޭނާއަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ] މައްސަލަ. އެހެން ނަމަވެސް އަނިޔާވެފައިވާ މީޑިއާ ބޭފުޅުން އަދި އަަޅުގަނޑުމެންގެ އެހެން މެންބަރުންގެ މައްސަލަ ވެސް ހުށަހަޅާނެ ވާހަކަ ތިޔަ ބޭފުޅުންގެ މައުލޫމާތަށް ޓަކައި ދަންނަވާލަން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ގާނޫނީ ޓީމުން އެންއަައިސީއަށް މިއަދު ދިއުމުން، އެ ކޮމިޝަނުގެ މެންބަރުން އެ ޓީމާ ބައްދަލުކުރެެއްވި އެވެ. އެކަމަށް ޓަކައި އެންއައިސީގެ މެންބަރުންނަށް އެމްޑީޕީން ޝުކުރު އަދާކުރައްވާ ކަމަށް އައްޑޫމީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި އެވެ.
މިއަދު ހުށަހެޅި މައްސަލަ އެ ކޮމިޝަނުން ވަރަށް އަވަހަށް ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންނާއި އެމްޑީޕީން އިއްޔެ މުޒާހަރާކުރީ މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލާ މެދު ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް މަޖިލީހުން ބިލް ފާސްކުރަން ނިންމުމުންނެވެ.
އެކަމަކު ސަރުކާރުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ބިލް ފާސްކޮށްފައި ވަނީ، ނޫސްވެރިން ބޭނުންވި އިސްލާހުތަކާ އެކުގައި ކަަމަށެވެ. މިނިވަންކަމާ އެކު ނޫސްވެރިކަން ކުރަން އެ ބިލުން ނޫސްވެރިންނާއި މީޑިއާތަކަށް ހުރަހެއް ކުރިމަތިނުވާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަމަކު، ނޫސްވެރިންގެ ޖަމިއްޔާއިން ގޮވާލާފައިވަނީ އެ ބިލު އަނބުރާ ނެގުމަށެވެ.