17 ސެޕްޓެމްބަރ 2025 - 13:48

ޕާސްޕޯޓު ކާޑުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތައް ކުރިއަށް ދާތީ ޕާސްޕޯޓު ކާޑުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ޕާސްޕޯޓް ކާޑު ތައާރަފްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގަ އެވެ.
އެއީ ވިޔަފާރީގެ ގިނަ މުއާމަލާތްތަކެއް ކުރެވޭ ގޮތަށް ތައާރަފްކޮށްފައިވާ ކާޑެކެވެ. އެ މީހަކު ބޭނުންވެއްޖެ ނަމަ ކޭޝް ކާޑުތަކުގެ އިތުރުން ވަކިވަކިން ގެންގުޅޭ އައިޑީކާޑާއި ލައިސަންސް ކާޑު ވެސް ޕާސްޕޯޓު ކާޑުގައި ހިމެނެ އެވެ.
އެ ޕާސްޕޯޓް ކާޑު ބައިނަލްއަގުވާމީ ދަތުރުތަކާއި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭއިރު އެލައިޑް އިންޝުއަަރެންސްގެ ހިދުމަތްތައް ވެސް ޕާސްޕޯޓް ކާޑު ބޭނުންކޮށްގެން ލިބެ އެވެ.
އީ ސާވިސް ބޭނުންކުރާ ބޭރުގެ ކޮންމެ ގައުމެއްގައި ޕާސްޕޯޓު ކާޑު ބޭނުންކުރެވުނަސް ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ޕާސްޕޯޓު ވެސް ހިފައިގެން ދިއުމަށް އިމިގްރޭޝަނުން އެދިފައިވެ އެވެ.