17 ސެޕްޓެމްބަރ 2025 - 09:41

މި އަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އެއީ މި އަހަރު އެ ފަންޑަށް ޖަމާކުރަން ބަޖެޓުގައި ކަނޑައެޅި އަދަދުގެ 60 ޕަސެންޓެވެ. މި އަހަރުގެ ބަޖެޓުގައިވާ ގޮތުން 2.1 ބިލިއަން ރުފިޔާ ފަނޑަށް އިތުރު ކުރަން ޖެހެ އެވެ.
ފަންޑަށް ޖަމާކުރާ އަދަދު ހާމަކުރި ނަމަވެސް އެ ފަންޑުގެ ޖުމްލަ އަދަދު ފިނޭންސް މިނިސްޓްރީން މިހާރު އާންމެއް ނުކުރެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް "މިހާރު" އިން މިދިޔަ ފެބްރުއަރީ މަހު ހޯދި މައުލޫމާތުން އެނގޭ ގޮތުން އެ ފަންޑުގެ ސައިޒު މިހާރު ހުރީ 8.9 ބިލިއަން ރުފިޔާގަ އެވެ. އޭގެ ތެރޭގައި ދިވެހި ފައިސާ އިން ނަމަ 5.3 ބިލިއަން ރުފިޔާ އެބަހުއްޓެވެ. އަދި 233 މިލިއަން ޑޮލަރު އެބަހުއްޓެވެ.
އެސްޑީއެފް ފަންޑަކީ ބޮޑެތި ދަރަނިތައް އަދާކުރުމަށްޓަކައި 2017 ވަނަ އަހަރު ސަރުކާރުން އުފެއްދި ފަންޑެކެވެ. މި އަހަރު ވެސް ދަރަނި އަދާކުރުމަށް 10 ބިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. އޭގެ މާނަކީ ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 24 ރުފިޔާ ދަރަންޏަށް ހޭދަކުރަން ޖެހުމެވެ.
މި އަހަރުގެ ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާގެ 62 ޕަސެންޓު ހޯދުމަށް ނިންމާފައި އޮތީ ބޭރުގެ މާލީ އިދާރާތައް މެދުވެރިކޮށެވެ. ނަމަވެސް، އެކަން ކާމިޔާބު ނުވާތީ މި އަހަރު ވެސް ދަރަނި އަދާކުރުމަށް ޑޮމެސްޓިކް މާކެޓުން ވިއްކި ޓީބިލުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ފިނޭންސް މިނިސްޓްރީގެ އެންމެ ހިސާބުތައް ދައްކާ ގޮތުން ޑޮމެސްޓިކް މާކެޓުން ވިއްކި ޓީބިލުގެ އަދަދު 89 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އަންނަ އަހަރު ދައްކަން ޖެހޭ އެންމެ ބޮޑު ދަރަނި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި މި އަހަރުގެ ތެރޭގައި އެކަމާ ގުޅޭ މަސައްކަތްކޮށް، އެ އިން ބައެއް ދެއްކުމަށް ސަރުކާރުން އޮތީ ޕްލޭން ކޮށްފަ އެވެ. އެކަމަކު، އަހަރުގެ މިހާ ހިސާބަށް ދިޔައިރު ވެސް އެކަން ކާމިޔާބުވާގޮތެއް ނުވެ އެވެ.
އެސްޑީއެފަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން ގަވަމެންޓް ސެކިއުރިޓީޒް ނުވަތަ ޓީބިލާއި ބޮންޑުގައި އިންވެސްޓްކޮށްފައި ހުރި އަދަދު 7.6 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރޭގައި ޑޮލަރުން ގަނެފައިވާ ޓީބިލާއި ބޮންޑުގެ އަދަދު 195 މިލިއަން ޑޮލަރަށް އަރަ އެވެ. ބާކީ ހުރީ ރުފިޔާއިންނެވެ. އެހެންވެ، އެއީ ވެސް ފަންޑުގެ އަސްލު ބޭނުން އަދާ ކުރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އޮޑިޓް އޮފީހުން ބުނެފައި ވެ އެވެ.