ރާޗިތު އާއި ހުމާ އެންގޭޖުވެއްޖެ
ރާޗިތު އާއި ހުމާ އެންގޭޖުވެއްޖެ

ބޮލީވުޑްގެ އެކްޓިން ކޯޗު ރާޗިތު ސިންގް އާއި މަޝްހޫރު އެކްޓްރެސް ހުމާ ގުރޭޝީ އެންގޭޖުވެއްޖެ އެވެ.

ހިންދުސްތާން ޓައިމްސް އިން އިއްޔެ ރިޕޯޓްކުރި ގޮތުގައި، ހުމާ އޭނާގެ ގިނަ ދުވަސްވީ ލޯބިވެރިޔާ ރާޗިތުއާ މިހާރު ވަނީ އެންގޭޖުވެފަ އެވެ. އަދި އެ ދެމީހުން ވަރަށް އަވަހަށް ކައިވެނި ކުރާނެ އެވެ.

ހުމާގެ އާ ފިލްމު "ބަޔާން" މި މަހުގެ ހަވަނަ ދުވަހު ޓޮރޮންޓޯ ފިލްމު ފެސްޓިވަލުގައި ވަނީ ޕްރިމިއާ ކޮށްފަ އެވެ. ރާޗިތު އާއި ހުމާ އެންގޭޖުވީ އެ ފިލްމު ޕްރިމިއާއަށް ފަހުގައި ކަމަށް ވެސް ހިންދުސްތާން ޓައިމްސްގައި ބުންޏެވެ.

ނަމަވެސް، މި އެންގޭޖުމަންޓާ ބެހޭ ގޮތުން ހުމާ އާއި ރާޗިތު ވެސް މިހާތަނަށް މީޑިއާއަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވެ އެވެ.

ރާޗިތުއަކީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އާލިއާ ބަޓް، ރަންވީރް ސިންގް، ވިކީ ކައުޝަލް، ވަރުން ދަވަން، އަނުޝްކާ ޝަރްމާ އަދި ސައިފް އަލީ ޚާނަށް ވެސް އެކްޓިން ކޯޗުކަން ކޮށްދީފައިވާ މީހެކެވެ. ހޮޓްސްޓާ އިން މިދިޔަ އަހަރު ގެނެސްދިން ރަވީނާ ޓެންޑޮން އާއި ވަރުން ސޫދްގެ ސީރީޒް "ކަރްމާ ކޯލިން"ގައި ވެސް އޭނާ ރޯލެއް ކުޅުނެވެ.

"ބަޔާން"ގެ ކުރިން ހުމާ އެންމެފަހުން ކުޅުނު ފިލްމަކީ 2023 ވަނަ އަހަރު ގެނެސްދިން، އިންޑިއާގެ ޝެފެއް ކަމަށްވާ ތަރުލާ ދަލާލްގެ ބަޔޮފިކް ފިލްމު "ތަރުލާ" އެވެ. އަދި، އަންނަ ހުކުރު ދުވަހު ޕްރިމިއާ ކުރާ އަކްޝޭ ކުމާރާއި އަރްޝާދު ވަރްސީގެ ފިލްމު "ޖޯލީ އެލްއެލްބީ 3"ގައި ވެސް އޭނާ ރޯލެއް ކުޅެފައިވެ އެވެ.