17 ސެޕްޓެމްބަރ 2025 - 06:27

ބޮލީވުޑްގެ އެންމެ ކާމިޔާބު ލޯބީގެ ފިލްމު "ސައްޔާރާ" އިން ފިލްމީ ދާއިރާއަށް ތައާރަފުވި އެކްޓްރެސް އަނީތު ޕައްޑާ އޭނާގެ ދެވަނަ ފިލްމަށް ސޮއިކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އަނީތު ކުޅޭ ދެވަނަ ފިލްމަކީ ކޯޓްރޫމް ޑްރާމާ "ނިޔާއީ" އެވެ. ޖިންސީ އަނިޔާ ލިބިފައިވާ އަންހެން ކުއްޖަކު އޭނާގެ ހައްގު ހޯދަން ކުރާ މަސައްކަތް ދައްކާ އެ ފިލްމުގައި އަނީތުއާ އެކު މުހިންމު ރޯލުތައް ކުޅޭނީ ބޮލީވުޑްގެ ތަރިން ކަމަށްވާ ފާތިމާ ސަނާ ޝައިހް އާއި އަރްޖުން މާތުރެވެ.
އެ ފިލްމު ޑައިރެކްޓުކުރަނީ ލޯބީގެ ފިލްމު "ބާރު ބާރު ދޭކޯ" އާއި ޕްރައިމް ވީޑިއޯގެ ކާމިޔާބު ސީރީޒް "މޭޑް އިން ހެވަން" ގެނެސްދިން ނިތުޔާ މެހެރާ އާއި އޭނާގެ ފިރިމީހާ ކަރަން ކަޕާޑިއާ އެވެ. މިއީ ޕްރައިމް ވީޑިއޯގެ ސީރީޒް "ބިގް ގާލްސް ޑޯންޓް ކްރައި"އަށް ފަހު އެ ދެމީހުން އެކުގައި ޑައިރެކްޓުކުރާ ދެވަނަ މަސައްކަތެވެ.
މިދިޔަ ޖުލައި މަހު 18 ގައި ޕްރިމިއާކުރި "ސައްޔާރާ"އަށް ވަނީ ރެކޯޑް އާމްދަނީއެއް ލިބިފަ އެވެ. އެ ފިލްމަށް 602 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިވަރުގެ ބޮޑު އާމްދަނީއެއް ލިބުނު ބޮލީވުޑްގެ ލޯބީގެ ފުރަތަމަ ފިލްމެވެ.
އެ ފިލްމުން ބޮލީވުޑަށް ތައާރަފުވި އަނީތު އާއި އަހާން ޕާންޑޭ ދެއްކި އެކްޓިންއަށް ގިނަ ބައެއްގެ ލޯބި ވަނީ ލިބިފަ އެވެ. އެހެންވެ، އެ ދެމީހުން ދެން ކުޅޭނެ ފިލްމަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާކުރަމުންނެވެ.