17 ސެޕްޓެމްބަރ 2025 - 06:47

މީޑިއާ ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބިލާ އެކު އިއްޔެއަކީ ރާއްޖޭގެ ޑިމޮކްރަސީ އަށް ހިތާމަވެރި ދުވަހެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އަވަސް އަރުވާލައިގެން ފާސްކުރި ބިލާ އެކު ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެން ދިޔައީ ކަމަށެވެ.
"ނޫސްވެރިންނާއި ސިޔާސީ ޕާޓީތަކާއި މީޑިއާތަކާއި މަދަނީ ޖަމިއްޔާތައް އަދި އާންމުންގެ ކަންބޮޑުވުންތަކާ އެކު ވެސް އެ ބިލް ފާސްކުރުމަކީ ރައްޔިތުންގެ ޑިމޮކްރެޓިކް ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާ މިންވަރު ހާމަވެގެންދާ ކަމެއް،" އިބޫ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅު އެމްޑީޕީން އެ ބިލާ ދެކޮޅަށް މަސައްކަތް ކުރާނެ އެވެ. އޭގެ އިތުރުން ދިވެހިންނަށް އިޖުތިމާއީ އަދި ސިޔާސީ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި އެ ޕާޓީން ސާބިތުވެ އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް 60 މެމްބަރުންގެ ވޯޓާ އެކު، މަޖިލިހުގެ މި ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި އެ ބިލް ފާސްކުރީ އިއްޔެގަ އެވެ. އަދި އެ ބިލް ތަސްދީގުކުރާ ދުވަހުން ފެށިގެން އެމްއެމްސީ އަދި ބްރޯޑްކޮމް އުވާލައި، މީޑިއާ ކޮމިޝަންގެ ނަމުގައި ވަކި އިދާރާއެއް އުފައްދަންޖެހެ އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލްގައި ނޫސްވެރިން އެންމެ ބޮޑަށް ކަންބޮޑުވި މާއްދާ ވަނީ ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި އިސްލާހުތަކާ އެކު މިހާރު އުނިކޮށްފަ އެވެ. ބިލްގައި ކުރިން އޮތް ގޮތުން ނަމަ ވަކިވަކި ނޫސްވެރިން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު، އެއް އަހަރު ދުވަހުގެ ކުރީގެ މައްސަލަތައް ބެލެނެ އެވެ. އެކަމަކު، މަޖިލިހުން ރޭ އެ ބިލް ފާސްކުރިއިރު އެ މާއްދާ ވަނީ އުނިކޮށްފަ އެވެ.
މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ މާއްދާގައި މިހާރު ބުނެފައިވާ ގޮތުގައި އެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ އާންމުންގެ ކިބައިން މާފަށް އެދުމާ އެކު، ކޮމިޝަނުން އަންގާ ވަގުތެއްގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހު އާންމު ކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިއުމަށް ބަޔާނެއް އާންމުކޮށް އަންގަން ޖެހެ އެވެ.
ބިލުގައިވާ ގޮތުން، މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ތެދު ނޫން މައުލޫމާތެއް ހާމަކޮށްފި ނަމަ، އެ މައުލޫމާތެއް އެއީ ތެދު ނޫން މައުލޫމާތެއްކަން އެންގުމާ އެކު، ވީހާ ވެސް އަވަހަކަށް އެ ކަމަށް މާފަށް އެދެން ޖެހެ އެވެ. އެފަދަ މައުލޫމާތު އިސްލާހުކުރާ ކަން ނުވަތަ އެ ކަމަށް މާފަށް އެދޭކަން އެފަދަ މައުލޫމާތެއް ހާމަކުރި ފަރާތަކުން އާންމުކޮށް އެނގޭ ގޮތަށް ހާމަކުރަންޖެހެ އެވެ.
އެގޮތަށް އަމަލުނުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި ނޫސްވެރިންނަށް އެ ފަރާތްތަކުން ހާމަކުރި ތެދު ނޫން މައުލޫމާތު ރަނގަޅު ކުރުމަށް ނުވަތަ އެ ކަމަށް މާފަށް އެދުމަށް އެންގުމުގެ ބާރު މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބެ އެވެ. ކޮމިޝަނުން އަންގާ އެންގުމާ އެއްގޮތަށް އަމަލުނުކުރާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަށް އޮވެ އެވެ.
އެ ގާނޫނުގެ ދަށުން ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސް މަޖައްލާއަކުން ހިލާފުވެއްޖެ ނަމަ މައްސަލައިގެ ކުޑަބޮޑުމިނަށާއި ގާނޫނާ ހިލާފުވުމުން ތަކުރާރުވަމުންދާ މިންވަރަށް ރިއާޔަތްކޮށް، ފިޔަވަޅު އަޅާނެ އެވެ. ނޫސްތައް 5،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެެ.
ބިލުގައި ބުނީ ނޫހަކުން ނުވަތަ މަޖައްލާއަކުން ޝާއިއުކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ގައުމީ ސަލާމަތާއި އާންމު ނިޒާމު ނުވަތަ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެވިދާނެ ހާލަތުގައި ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް އެ ކޮންޓެންޓެއް ޝާއިއުކުރި ވަސީލަތެއް ހުއްޓުމަކަށް ގެނައުމުގެ ބާރު ވެސް އޮވެ އެވެ. އެއީ އަދިވެސް ނޫސްވެރިންގެ ކަންބޮޑުވުން އޮތް މާއްދާއެކެވެ.
ބިލް ތަސްދީގު ކުރުމާ އެކު، އަލަށް އުފައްދާ ކޮމިޝަނަށް އައްޔަންކުރާ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ދީފައި އޮތުމަކީ ނޫސްވެރިންގެ ކަންބޮޑުވުމެކެވެ. ބިލްގައިވާ ގޮތުން ނަމަ ކޮމިޝަންގެ މެމްބަރުން ވަކިކުރުމުގެ ބާރު ވެސް އޮތީ ކޮމިޝަނަށެވެ.
އޭގެ އިތުރުން މީޑިއާތައް ޖޫރިމަނާ ކުރުމަކީ، އެ ތަންތަން ކޮންޓްރޯލް ކުރުމަށް ބާރު ދޭ ކަމެއްކަމަށް ވެސް ނޫސްވެރިން ބުނެ އެވެ.
މީޑިއާ ބިލް ފާސްކުރީ، އެ ބިލުން ނޫސްވެރިކަން ހަނިވާތީ އެ ފާސްނުކުރުމަށް ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށެވެ. އިއްޔެ ހެނދުނު 8:30 އިން ފެށިގެން ރޭގެ ހަތެއް ޖަހާކަން ހާއިރު ބިލް ފާސްކުރަންދެން ނޫސްވެރިންތައް ދިޔައީ މަޖިލިހުގެ އިދާރާ ކައިރީގައި އިހުތިޖާޖު ކުރަމުންނެވެ. އެއާ އެކު، ބިލް ފާސްކުރަން ގޮވާލައި ވެސް މަޖިލިހުގެ އިދާރާ ކައިރީގައި އެހެން ބަޔަކު އަޑުއުފުލި އެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތަކާއެކު ވެސް އިސްލާހުތަކާ އެކު ބިލް ފާސްކުރުމާ ގުޅިގެން، ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ އެ ގައުމުން ވަކާލާތު ކުރަނީ ނޫސްވެރިންނަށް ހިޔާލުފާޅުކުރުމުގެ ހައްގު ދިނުމަށް ކަމަށެވެ. އެ އެމްބަސީން ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ދެމެހެއްޓުމަށް ރާއްޖެއަށާއި ގައުމުތަކަށް ގޮވާލައިފަ އެވެ.