16 ސެޕްޓެމްބަރ 2025 - 21:12

ރައްޔިތުންގެ މަޖިލީހުން މިރޭ މީޑިއާ ބިލް ފާސްކުރުމާ އެކު ނޫސްވެރިން މަގުތަކަށް އެއްވެއްޖެ އެވެ.
މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލް، ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ފާސްކުރީ 60 މެމްބަރުންގެ ވޯޓާއެކުގަ އެވެ.
އެ ބިލް މަޖިލީހުން ބޭރުކޮށްދިނުމަށް އެދި ނޫސްވެރިން ގެންދިޔައީ ހެނދުން ފެށިގެން މަޖިލިސް ހިމެނޭ ސަރަހަައްދުގައި މުޒާހަރާކުރަމުންނެވެ. މަޖިލީހުގެ ޖަލްސާގައި، ބިލް ފާސްކުރުމާއެކު، ނޫސްވެރިން ވަނީ މަގުތަކަށް ނުކުމެ، ޖުމްހޫރީ މައިދާން ކައިރިއަށް އެއްވެފަ އެވެ.
ނޫސްވެރިންގެ އެއްވުމުގައި އެމްޑީޕީގެ މެމްބަރުން ވެސް ބައިވެރިވެ ބިލާ ދެކޮޅަށް ގެންދަނީ އަޑުއުފުލަމުންނެވެ.
ނޫސްވެރިންގެ އެންމެ ކަންބޮޑުވުން އޮތް އެއް މާއްދާއަކީ މީޑިއާ ކޮމިޝަންގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ބިލުގައި ދީފައި އޮތުމެވެ. އެ މާއްދާ މިހާރު އުނިކޮށް، ބިލުގެ ދަށުން އުފައްދާ ހަތް މެމްބަރުންގެ ކޮމިޝަނުގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ނަމަވެސް، ކޮމިޝަނަށް މެމްބަރުން އައްޔަންކުރަނީ މަޖިލީހުން ކަމަށްވާތީ، އެކަމަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން ވެސް ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ބިލުގައި، ވަކި ވަކި ނޫސްވެރިން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު އެއް އަހަރު ދުވަހުގެ ކުރީގެ މައްސަލަތައް ބެލޭ ގޮތަށް އޮތް މާއްދާތައް ވެސް މިހާރު ވަނީ އުނިކޮށްފަ އެވެ. އެ މާއްދާތައް އުނިކުރީ، ނޫސްވެރިންގެ ކަންބޮޑުވުންތަކާ އެކު ބިލަށް އެޓާނީ ޖެނެރަލްގެ އޮފީހުން އިސްލާހު ހުށަހަޅައިގެންނެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ހިމެނޭ ގޮތަށް 22 ޖަމިއްޔާއަކުން ބިލު އަނބުރާ ގެންދަން ގޮވާލާފައިވާއިރު ބިލާ ދެކޮޅަށް 150 އަށް ވުރެ ގިނަ ނޫސްވެރިން ސޮއިކޮށް މަޖިލީހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.