ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ މާއްދާ އުނިކޮށް މީޑިއާ ބިލް ފާސްކޮށްފި
ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ މާއްދާ އުނިކޮށް މީޑިއާ ބިލް ފާސްކޮށްފި

މީޑިއާ ރެގިއުލޭޓް ކުރާ ބިލުގައި، ވަކި ވަކި ނޫސްވެރިން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު އެއް އަހަރު ދުވަހުގެ ކުރީގެ މައްސަލަތައް ބެލޭ ގޮތަށް އޮތް މާއްދާތައް އުނިކޮށް، އިސްލާހުތަކަކާ އެކު އެ ބިލް މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ މާއްދާ އުނިކޮށް މީޑިއާ ބިލް ފާސްކޮށްފި
ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ މާއްދާ އުނިކޮށް މީޑިއާ ބިލް ފާސްކޮށްފި

އެ ބިލާ މެދު ކަންބޮޑުވުންފާޅުކޮށް ނޫސްވެރިން މުޒާހަރާކުރަމުން ދަނިކޮށް، ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ބިލް ފާސްކުރީ 60 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ތަޅުމުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ މާއްދާ އުނިކޮށް މީޑިއާ ބިލް ފާސްކޮށްފި
ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ މާއްދާ އުނިކޮށް މީޑިއާ ބިލް ފާސްކޮށްފި

މަޖިލީހުން ބިލް ފާސްކުރިއިރު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބިލް ދިރާސާކޮށް، ނޫސްވެރިންގެ ކަންބޮޑުވުން އޮތް މާއްދާތަކަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިސްލާހުތައް ގެނެސް ބައެއް މާއްދާތައް ވަނީ އުނިކޮށްފަ އެވެ.

އެންމެ ބޮޑު އެއް ބަދަލަކީ ވަކިވަކި ނޫސްވެރިން ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި އޮތް މާއްދާ އުނިކޮށްފައި އޮތުމެވެ.

މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ މާއްދާގައި މިހާރު ބުނެފައިވާ ގޮތުގައި އެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، އާންމުންގެ ކިބައިން މާފަށް އެދުމާ އެކު ކޮމިޝަނުން އަންގާ ވަގުތެއްގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހު އާންމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިއުމަށް ބަޔާނެއް އާންމުކޮށް އަންގަން ޖެހެ އެވެ.

ބިލުގައިވާ ގޮތުން، މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ތެދު ނޫން މައުލޫމާތެއް ހާމަކޮށްފި ނަމަ، އެ މައުލޫމާތެއް އެއީ ތެދު ނޫން މައުލޫމާތެއްކަން އެންގުމާ އެކު ވީހާވެސް އަވަހަކަށް އެ ކަމަށް މާފަށް އެދެން ޖެހެ އެވެ. އަދި އެފަދަ މައުލޫމާތު އިސްލާހުކުރާ ކަން ނުވަތަ އެކަމަށް މާފަށް އެދޭކަން އެފަދަ މައުލޫމާތެއް ހާމަކުރި ފަރާތަކުން އާންމުކޮށް އެނގޭ ގޮތަށް ހާމަކުރަންޖެހެ އެވެ.

އެގޮތަށް އަމަލުނުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި ނޫސްވެރިންނަށް އެ ފަރާތްތަކުން ހާމަކުރި ތެދު ނޫން މައުލޫމާތު ރަނގަޅުކުރުމަށް ނުވަތަ އެކަމަށް މާފަށް އެދުމަށް އެންގުމުގެ ބާރު މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބެ އެވެ. އަދި ކޮމިޝަނުން އަންގާ އެންގުމާ އެއްގޮތަށް އަމަލުނުކުރާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަށް އޮވެ އެވެ.

އެ ގާނޫނުގެ ދަށުން ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސް މަޖައްލާއަކުން ހިލާފުވެއްޖެ ނަމަ، މައްސަލައިގެ ކުޑަ ބޮޑުމިނަށާއި ގާނޫނާ ހިލާފުވުމުން ތަކުރާރުވަމުންދާ މިންވަރަށް ރިއާޔަތްކޮށް ފިޔަވަޅު އަޅާނެ އެވެ. ނޫސްތައް 5000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ބިލުގައިވެ އެވެެ.

ބިލުގައި ބުނީ ނޫހަކުން ނުވަތަ މަޖައްލާއަކުން ޝާއިއުކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ގައުމީ ސަލާމަތާއި އާންމު ނިޒާމު ނުވަތަ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެވިދާނެ ހާލަތުގައި ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތައް މެދުވެރިކޮށް އެ ކޮންޓެންޓެއް ޝާއިއުކުރި ވަސީލަތެއް ހުއްޓުމަކަށް ގެނައުމުގެ ބާރު ވެސް އޮވެ އެވެ.

އެ ބިލުގައި ބުނީ ނޫހެއް ނުވަތަ މަޖައްލާއެއްގެ ރަޖިސްޓްރީ ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުމަށް ފަހު ކޯޓުން ނިންމާ ގޮތެއްގެ މަތިން ރަޖިސްޓްރީ ބާތިލުކޮށް، އެގޮތަށް ލައިސަންސް ބާތިލުކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ލައިސަންސް ބާތިލުކުރުމާ ގުޅޭގޮތުން ކޯޓުން ގޮތެއް ކަނޑައަޅަންވާނެ ކަމަށެވެ.

ނޫސްވެރިންގެ އެންމެ ކަންބޮޑުވުން އޮތް އެއް މާއްދާއަކީ މީޑީއާ ކޮމިޝަންގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ބިލުގައި ދީފައި އޮތުމެވެ. އެ މާއްދާ މިހާރު އުނިކޮށް، ބިލުގެ ދަށުން އުފައްދާ ހަތް މެމްބަރުންގެ ކޮމިޝަނުގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ކޮމިޝަނަށް ރައީސް އައްޔަންކުރުމުގެ ބާރު ދީފައި ވަނީ ވެސް މަޖިލީހަށެވެ.

މަޖިލީހުން ކޮމިޝަނަށް މެމްބަރުން ކަނޑައެޅުމުގައި އަމަލުކުރަންވާނީ ކޮމިޝަނުން މެމްބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާންކުރުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމަށް ބިލުގައި ވެ އެވެ.

ބިލުގައިވާ ގޮތުން ކޮމިޝަނަށް މެމްބަރުން އައްޔަންކުރުމަށް އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި މަޖިލީހުން އިއުލާންކުރަންވާނެ އެވެ. ކޮމިޝަންގެ މެމްބަރު ކަމަށް މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރެއްގެ މަގާމުގައި ހުރި މީހަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

- ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް އޮތް ފަރާތާ މެދު ފިޔަވަޅު އެޅުމުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން އެ ގާނޫނާ އެ ގާނޫނުގެ ދަށުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، 50،000ރ. އާއި 250،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ.

- ހާއްސަ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް ކޮމިޝަނުން ބަލާ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ.

- ޖަވާބުދާރީވުމަށް ނޫސްވެރިންނަށް ނުވަތަ މީޑިއާއަށް އެކަށިގެންވާ ވަގުތު ދޭންޖެހޭ. އަދި ވަކީލެއްގެ އެހީ ހޯދުމުގެ ހައްގު ލިބެންޖެހޭނެ ކަމަށް ބިލުގައިވޭ.

- އެ ބިލުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވެގެން މައްސަލައެއް ބަލާ ނަމަ، އެ މައްސަލަ ބަލާނެ ވަގުތީ މައްސަލަ ބަލާ ކޮމިޓީއެއް ހަދަންޖެހޭ. އެ މައްސަލައަކީ މުޅި ކޮމިޝަނުން ބަލަންޖެހޭ މައްސަލައެއް ކަމަށް ފެންނަ ނަމަ، އެ މައްސަލަ ބަލާ ކޮމިޓީގެ ދައުރު އަދާކުރާނީ ކޮމިޝަނުން.

- މައްސަލަ ބަލާ ކޮމިޓީއަށް ކޮމިޝަނުގެ މެމްބަރުން ނޫން މީހުން އައްޔަންކުރެވޭ. އެ މީހުންނަކީ އެ ގާނޫނުގައި ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކުރެވޭ މެމްބަރުންގެ ކިބައިގައި ހުރުން ލާޒިމުކުރާ ޝަރުތުތައް ފުރިހަމަވެ، ފަންނީ ފަރާތްތަކެއް ކަމަށް ވުން.

- މި ގާނޫނަށް އަމަލުކުރަން ފަށާތާ 7 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ގަވާއިދު ހަދަންޖެހޭ.

- ނޫސްވެރިންގެ ދަފްތަރެއް ބެލެހެއްޓުން އަދި ދަފްތަރުގައި ހިމެނޭ ނޫސްވެރިންނަށް ނޫސްވެރިކަމުގެ ފާސް ދޫކުރުން.

- ނޫހާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާއަށް ވެސް އެ މީޑިއާ ގުޅޭ ނިސްބަތަކަށް ހިނގާނެ. ނޫސްވެރިންނާ ގުޅޭ ގޮތުން އެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީީޑިއާގައި މަސައްކަތްކުރާ މީހުންނަށް އެމީހުންނާ ގުޅޭ ނިސްބަތަކުން ހިނގާނެ ކަމަށް ބިލުގައިވޭ.

ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި މީޑިއާ ބިލު މިރޭ ފާސްކޮށްފައިވާ އިރު ނޫސްވެރިން މަޖިލީސް ދޮށުގައި އަދިވެސް ގެންދަނީ މި ބިލާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ނޫސްވެރިން ގޮވަމުން ދިޔައީ މި ބިލު އަނބުރާ ގެންދިއުމަށެވެ. އެކަމަކު އެ ސަރަހައްދަށް ފުލުހުން ގޮސް މަޖިލިސް ކުރިމަތިން ނޫސްވެރިން ދުރުކޮށް، ބެރިކޭޑު ޖަހައި އެ ސަރަހައްދު ބަންދުކުރި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ހިމެނޭ ގޮތަށް 22 ޖަމިއްޔާއަކުން ބިލު އަނބުރާ ގެންދަން ގޮވާލާފައިވާއިރު ބިލާ ދެކޮޅަށް 150 އަށް ވުރެ ގިނަ ނޫސްވެރިން ސޮއިކޮށް ރައީސަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.