16 ސެޕްޓެމްބަރ 2025 - 12:01

ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ކުއްޔަށް ނެންގެވި އެޕާޓްމެންޓެއްގެ ބިލުތަކާއި އެތަނުގެ މަރާމާތަށް ހޭދަވި ފައިސާ ނުދައްކާތީ އެ ފައިސާ ދައްކަން އޭނާގެ މައްޗަށް ސިވިލް ކޯޓުން އަނެއްކާވެސް ހުކުމްކޮށްފި އެވެ.
މިހާރު ސްޓެލްކޯގެ ލީގަލް މެނޭޖަރުކަން ކުރައްވާ ހަލީމް ކުއްޔަށް ނެންގެވީ އަމިއްލަ ކުންފުންޏަކުން ކުއްޔަށް ދޫކުރި އެޕާޓްމެންޓެކެވެ. އޭނާ އެތަން ކުއްޔަށް ނެންގެވީ 2019 ވަނަ އަހަރު އެވެ. އެ އެޕާޓްމަންޓް އޭނާ ދޫކޮށްލިއިރު އެތަނުގެ މަރާމާތާއި ބިލުތަކަށް 69،000ރ. އަރާފައި ހުއްޓެވެ.
އެ ތަނަށް ފައިސާ ދައްކަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަލީމްގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ. އޭރު ހުކުމް ކޮށްފައި ވަނީ އެ ފައިސާ އެއްފަހަރާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
އެ ފައިސާ ނުދައްކާތީ، އެޕާޓްމެންޓް ކުއްޔަށް ދިން ކުންފުނިން ހުކުމް ތަންފީޒު މައްސަލަ ހުށަހެޅުމުން، ހަލީމް އެދިފައިވަނީ ކޮންމެ މަހަކު 3000ރ. ދައްކަމުން ގޮސް ފައިސާ ދައްކާ ނިންމުމަށެވެ. އަދި ކުންފުނިން އެގޮތަށް އެއްބަސްވެފައިވެ އެވެ.
އެ މައްސަލާގައި މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން އެންގީ މަހަކު 3،000ރ. ދައްކަމުން ގޮސް އެ ފައިސާ ދައްކައި، ނިންމުމަށެވެ. އަދި އެގޮތަށް ފައިސާ ނުދައްކައިފިނަމަ، އެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް ދައުވާ ކުރުމުގެ ހައްގު، އެ ކުންފުންޏަށް އޮންނާނެ ކަމަށް ވެސް އެ ހުކުމުގައި ވަނީ ކަނޑައަޅައިފަ އެވެ.