އިޒްރޭލާ ގުޅުން ބޭއްވުމާ މެދު އަލުން ވިސްނަން އަރަބި/އިސްލާމީ ގައުމުތަކުން ގޮވާލައިފި
އިޒްރޭލާ ގުޅުން ބޭއްވުމާ މެދު އަލުން ވިސްނަން އަރަބި/އިސްލާމީ ގައުމުތަކުން ގޮވާލައިފި

އިޒްރޭލާ އެކު ބާއްވާ އެކި ގުޅުންތަކާ މެދު އަލުން ވިސްނައި މުރާޖައާކުރުމަށް އިސްލާމީ އަދި އަރަބި ގައުމުތަކުގެ ވެރިން ގޮވާލައްވައިފި އެވެ.

އިޒްރޭލާ ގުޅުން ބޭއްވުމާ މެދު އަލުން ވިސްނަން އަރަބި/އިސްލާމީ ގައުމުތަކުން ގޮވާލައިފި
އިޒްރޭލާ ގުޅުން ބޭއްވުމާ މެދު އަލުން ވިސްނަން އަރަބި/އިސްލާމީ ގައުމުތަކުން ގޮވާލައިފި

ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާގައި މިދިޔަ ހަފްތާގައި ދިން ހަމަލާއާ ގުޅިގެން ދޯހާގައި ބޭއްވި އަރަބި/އިސްލާމީ ގައުމުތަކުގެ ވެރިންގެ ކުއްލި ބައްދަލުވުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް އެދިފަ އެވެ.

ގާތްގަނޑަކަށް 60 ގައުމަކުން ބައިވެރިވި ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި އިޒްރޭލާ އެކު ޑިޕްލޮމެޓިކް ގުޅުން ބޭއްވުމާ މެދު އަލުން ވިސްނުމަށާއި ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެކަންކަން ކުރުމަށް ވެސް ގޮވާލާފައިވެ އެވެ.

އިޒްރޭލް ބަލައިގަންނަ ގައުމުތަކުގެ ތެރޭގައި ގަތަރުގެ އެކުވެރި ގަލްފުގެ ގައުމުތަކަށް ކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން، މިސްރު، ޖޯޑަން އަދި މޮރޮކޯ ހިމެނެ އެވެ.

އިޒްރޭލު ބަލައިގަތުމުގެ މުއާހަދާ ކަމަށްވާ އަބްރަހަމް އެކޯޑްސްގައި މީގެ ފަސް އަހަރު ކުރިން ސޮއި ކުރި ޔޫއޭއީ، ބަހްރެއިން އަދި މޮރޮކޯގެ ލީޑަރުން މި ބައްދަލުވުމަށް ވަޑައިގަތުމުގެ ބަދަލުގައި ފޮނުއްވީ އިސް މަންދޫބުންނެވެ.

އދ. އިން އިޒްރޭލު ސަސްޕެންޑްކުރުމަށް މެންބަރު ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ވެސް މި ބައްދަލުވުމުގައި ވަނީ ގޮވާލައިފަ އެވެ.

އިޒްރޭލު ބަލައިގަތް ފުރަތަމަ އަރަބި ގައުމު ކަމަށްވާ މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ ވިދާޅުވީ ގަތަރަށް ދިން ހަމަލާގެ ސަބަބުން ސުލްހައިގެ އާ އެއްބަސްވުންތަކަށް ހުރަސްއެޅިފައިވާ ކަމަށެވެ.

އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ގަތަރަށް ދިން ހަމަލާއަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިޒްރޭލާ މެދު ހިތްހަމަނުޖެހިގެން ވާހަކަ ދެއްކެވި ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ އިޒްރޭލަށް ވަޑައިގެން، ހަމާސް ނައްތާލަން އިޒްރޭލުން ކުރާ މަސައްކަތަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އެ ދަތުރަށް ފަހު މިއަދު ގަތަރަށް އޭނާ ވަޑައިގަންނަވާނެ އެވެ. ރުބިއޯ ވެސް މިދިޔަ ހަފްތާގައި ވަނީ ގަތަރުގެ ސަލާމަތަށް އެމެރިކާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް މުހައްމަދު އަލް ބުދައިވީ ވިދާޅުވީ، ގަލްފުގެ ގައުމުތަކުން މި ސަމިޓުގެ ހަވާސާގައި ބައްދަލުވެ، އިޒްރޭލު ހުއްޓުވުމުގައި އެމެރިކާގެ ނުފޫޒު ބޭނުންކުރުމާ މެދު މަޝްވަރާކޮށްފައިވާ ކަމަށެވެ. -- އޭއެފްޕީ