ހައްގު ހޯދަން ކަރަން ޖޯހަރު ވެސް ހައި ކޯޓަށް
ހައްގު ހޯދަން ކަރަން ޖޯހަރު ވެސް ހައި ކޯޓަށް

ހުއްދަ ނެތި އޭނާގެ ނަން ބޭނުންކޮށްގެން ވިޔާފަރިކުރާ މައްސަލާގައި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު ވެސް އިންޑިއާގެ ދިއްލީގެ ހައި ކޯޓަށް މައްސަލައެއް އިއްޔެ ހުށަހަޅައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ކަރަން ހުށަހެޅި މައްސަލާގައި ވަނީ އޭނާގެ ނަން ބޭނުންކޮށްގެން ހުއްދަ ނެތި ބައެއް ވިޔަފާރިތައް ހިންގާތީ އެކަން ހުއްޓުވައިދީ، އޭނާގެ ޕާސަނަލިޓީ ރައިޓްސް ނުވަތަ ޒާތީ ހައްގު ކަށަވަރުކޮށްދިނުމަށް އެދިފަ އެވެ.

ކަރަން ހައި ކޯޓަށް މި މައްސަލަ ހުށަހެޅި އިރު، ހަމަ މި ކަހަލަ މައްސަލައެއް ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އައިޝްވާރިޔާ ރާއީ ބައްޗަން އާއި އޭނާގެ ފިރިމީހާ އަބީޝެކް ބައްޗަން ވެސް ވަނީ ހުށަހަޅައިފަ އެވެ. އެއީ، ހުއްދަ ނެތި އެމީހުންގެ ނަމާއި ފޮޓޯ އަދި އަޑު ވިޔަފާރިގެ ބޭނުމަށް ބަޔަކު ބޭނުންކުރާ މައްސަލައިގަ އެވެ.

އެ ދެމަފިރިން ވަކިވަކިން ހުށަހެޅި މައްސަލަތަކުގައި ވަނީ އެ ކަންކަން ކުރާ ބައެއް ވެބްސައިޓުތަކާއި ޕްލެޓްފޯމްތައް ބަޔާންކޮށްފަ އެވެ. އަދި އޭއައި އާއި ޑީޕްފޭކްގެ އެހީގައި އެމީހުންގެ ފޮޓޯ ބޭނުންކޮށްގެން ބޭއަދަބީ ފޮޓޯތައް ހަދައި ސޯޝަލް މީޑިއާގައި ދައުރުކުރަމުން ދާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ އަންނަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ. އެކަމަކު، އެމީހުންގެ އަބުރާއި ޝަހުސިއްޔަތު ރައްކާތެރިކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދިފައި ވާތީ، ހައި ކޯޓުން މިހާރު އެ އަމުރު ނެރެދީފަ އެވެ.

އައިޝްވާރިޔާ އާއި އަބީޝެކް ހުށަހެޅި މައްސަލަތައް ބަލައިގެންފި ނަމަ އަޑު އެހުންތައް އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާނެ ކަމަށް ނޫސްތަކުން ކުރި ރިޕޯޓްކޮށްފައިވެ އެވެ.