16 ސެޕްޓެމްބަރ 2025 - 06:13

ޒެމްބިއާގެ ރައީސް ހަކައިންޑެ ހިޗިލެމާއަށް ސިހުރު ހަދައިގެން އަވަހާރަކޮށްލަން މަސައްކަތްކުރި ކަމުގެ ކުށުގައި ބުރަ މަސައްކަތާ އެކު ދެ މީހަކު ދެ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
މި ހުކުމް އިއްވީ މޮޒަމްބީކް މީހެއް ކަމަށްވާ ޖޭސްޓެން މަބުލެސް ކެންޑުންޑޭ އާއި ޒެމްބިއާގެ ވިލެޖް ޗީފް ލިއޮނާޑް ފިރީގެ މައްޗަށެވެ. މި ދެ މީހުން މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކުރީ ސިހުރު ހަދަން ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނާއި ދިރޭ ކެމީލިއޯންއަކާ ވެސް އެކުގަ އެވެ.
ފުލުހުން ބުނީ މި ދެ މީހުންގެ މައްޗަށް ދައުވާކުރީ ރައީސް ހިޗިލެމާއަށް ސިހުރުން ގެއްލުންދޭން މަސައްކަތްކުރުމާއި ސިހުރު ހަދަން އެނގޭ ކަމަށް ބުނާތީ އާއި ސިހުރު ހަދަން ބޭނުންކުރާ ސާމާނު ގެންގުޅެފައި ވާތީ ކަމަށެވެ.
"އެ މީހުން ސިހުރު ހެދުމުގެ މަގްސަދަކީ ގައުމުގެ ވެރިޔާ އަވަހާރަކޮށްލުން،" ލުސާކާގެ މެޖިސްޓްރޭޓް ފައިން މަޔަމްބޫ ވިދާޅުވި އެވެ.
"މި ކުށް ސާބިތުވު މީހުންނަކީ ހަމައެކަނި ދައުލަތުގެ އެންމެ އިސްވެރިޔާގެ ދުޝްމަނުންނެއް ނޫން. މިއީ ޒެމްބިއާގެ ހުރިހާ ރައްޔިތުންގެ ދުޝްމަނުން. އެހެންވެ އެ މީހުން ހައްޔަރު ކުރި ދުވަހުން ފެށިގެން 24 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވަން،" އޭނާ ވިދާޅުވި އެވެ.
ޕްރޮސެކިއުޓަރުން ބުނީ އެ ދެ މީހުން ލައްވާ ސިހުރު ހަދަން މަސައްކަތްކުރީ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރެއް ކަމަށްވާ އިމަނުއެލް "ޖޭ ޖޭ" ބަންޑާ ކަމަށެވެ. އޭނާ އަކީ ވައްކަން ކުރުމާއި މީހަކު މަރަން އުޅުމާއި ބަންދުން ފިލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މީހެކެވެ. -- އޭއެފްޕީ