މީޑިއާ ބިލަށް އިސްލާހުތަކާއެކު ވޯޓަށް އެހުމުން ހޫނުވެ، ކޮމެޓީ މެދުކަނޑާލައިފި
މީޑިއާ ބިލަށް އިސްލާހުތަކާއެކު ވޯޓަށް އެހުމުން ހޫނުވެ، ކޮމެޓީ މެދުކަނޑާލައިފި

މީޑިއާ ރެގިއުލޭޝަން ބިލްގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާ އެކު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވޯޓަށް އެހުމާ އެކު މަޖިލީހުގެ ބައެއް މެންބަރުންނާއި ނޫސްވެރިން އިހުތިޖާޖްކުރަން ފެށުމުން ކޮމެޓީ މެދުކަނޑާލައިފި އެވެ.

އާއްމުކޮށް ހުޅުވާލައިގެން މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި، މިއަދު ފުރަތަމަ އޮތީ ބިލަށް އިސްލާހު ހުށަހަޅަން ކޮމިޓީގެ މެންބަރުންނަށް ފުރުސަތު ދިނުމެވެ. އެ ފުރުސަތުގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަަސީމް ވަކިވަކިން ހުށަހެޅުއްވީ ބިލުގެ ގިނަ މާއްދާތަކެއް އުނިކުުރުމަށެވެ.

އެ ހުށަހެޅުންތަަކަށް ކޮމިޓީގެ ބައްދަލުވުުމުގައި ވޯޓަށް ނޭހީ ތާއީދުކުރައްވާނެ މެންބަރަކު ނުވުމުންނެވެ. އެ ހިސާބުން ކޮމިޓީގެ މުގައްރިރު، އަދި ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ ނިންމެވީ ބިލަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާ އެކު ބިލު ފާސްކުރުމާ މެދު ވޯޓަށް އެހުމަށެވެ. އެގޮތަށް ވޯޓަށް އެހުމާއެކު، ބިލް ބޭރުކުރަން ގޮވާލައި އެމްޑީޕީ މެންބަރުން އަޑު އުފުލަން ފެށި އެވެ. އަދި ކޮމެޓީ ރޫމުގައި ތިބި ނޫސްވެރިން ވެސް އެގޮތަށް އިހްތިޖާޖްކުރި އެވެ.

ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ އެމްޑީޕީގެ ގިނަ މެމްބަރުން ކޮމެޓީ އަޑުއެއްސެވުމަށް އެތަނުގައި ތިއްބެވި އެވެ.

"ކޮންޓްރޯލް ބިލު ބޭރުކުރޭ، ޕެޓިޝަނަށް ރިއާޔަތްކޮށްފައި ވޯޓަަށް އެހޭނީ،" ކޮމިޓީ ރޫމްގައި އިހުތިޖާޖް ކުރި މެންބަރުންނާއި ނޫސްވެރިން ގޮވި އެވެ.

ނޫސްވެރިން އެ ބިލާ ދެކޮޅަށް ލީފްލެޓްތައް ވެސް އެތަނުގައި ބަހަން މަސައްކަތްކުރި އެވެ.

އެހެންވެ، ކޮމެޓީން މެދުކަނޑާލުމަށްފަހު މެމްބަރުން ވަނީ ނިކުމެފަ އެވެ.

އެ ޕެޓިޝަނަކީ އެ ބިލް ބޭރުކުރަން ގޮވާލައި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ނޫސްވެރިންގެ ފަރާތުން މަޖިލީހުގެ ޕެޓިޝަން ކޮމިޝަނަށް ހުށަހެޅި ޕެޓިޝަނަށެވެ. ނަމަވެސް ޕެޓިޝަން ކޮމިޓީން މިއަދު ނިންމީ ބިލުގެ މަސައްކަތް ކުރަމުންދަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކަމަށް ވާތީ އެ ޕެޓިޝަނަށް ރިއާޔަތް ކުރުމަށް ޓަކައި އެ ކޮމިޓީއަށް ފޮނުވުމަށެވެ.

މީޑިއާ ރެގިއުލޭޝަން ބިލު އޮތީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ގޮތަށް ކަމަށް ވާތީ ނޫސްވެރިން ގެންދަނީ އެ ބިލު ފާސްކުރުމާ ދެކޮޅަށް ސިލްސިލާކޮށް އިހުތިޖާޖް ކުރަމުންނެވެ. އެ ކަންބޮޑުވުންތަކާ އެކު އެޓާނީ ޖެނެރަލް އެ ބިލަށް ގިނަ އިސްލާހުތަކެއް ހުށަހެޅުއްވި އެވެ.

ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގައި އޮތް މާއްދާ އުނިކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.

އެ ބިލަށް ހުށަހެޅި ކަމަށް އޭޖީ އޮފީހުން ބުނި އިސްލާހުތަކުގެ ލިސްޓުގައި ހިމެނޭ އެއް ކަމަކީ ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް އޮތް ބައި އުނިކުރުމެވެ.

އޭޖީގެ އެ އިސްލާހުތަކާ މެދު ކޮމިޓީން ގޮތް ނިންމި ބައްދަލުވުން ކުރިން ސިއްރުކޮށްފައި ވާތީ އޭގެ ތެރެއިން ބިލުގައި ހިމަނަން ނިންމީ ކޮންކޮން އިސްލާހުތަކެއް ކަމެއް ނޭނގެ އެވެ.