15 ސެޕްޓެމްބަރ 2025 - 17:01

ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފްވެފައިވާ ކަމަށް ބުނެ ޗެނަލް 13 ގެ ބްރޯޑްކާސްޓް މާދަމާގެ ވަކި ވަގުތެއްގައި މެދުކަނޑާލުމަށް އަންގައި، އަދި ކުޑަކުދިންގެ ކަރާމާތައް އަރައިގެންފައިވާތީ ރާއްޖެޓީވީ އަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކޮމުން ދީފި އެވެ.
ބްރޯޑްކޮމް އިން ބުނީ ޗެނަލް 13 އަށް ފިޔަވަޅު އަޅާފައިވަނީ މިދިޔަ އޭޕްރީލް 17 ވަނަ ދުވަހު އެ ޗެނަލުން ލައިވްކުރި ޕީއެންއެފްގެ "ދަ ފްރޮންޓް އޮފީސް" ޕްރޮގްރާމްގައި ބްރޯޑްކާސްޓް ކުރުމުގެ ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ދައްކާފައިވާތީ ކަމަށެވެ.
އެހެންވެ، ޗެނަލް 13 ގެ ބްރޯޑްކާސްޓް މާދަމާ ރޭ 8:00 އިން 10:00 އަށް މެދުކަނޑާލުމަށް އަންގާފައިވެ އެވެ.
ރާއްޖެ ޓީވީއަށް ބްރޯޑްކޮމް އިން އިންޒާރު ދީފައި ވަނީ މިިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހުގެ ރޭ އެ ޓީވީން ދެއްކި އެމްޑީޕީ ކުއްލި އެއްވުމުގެ މުޒާހަރާގައި ބްރޯޑްކާސްޓްކުރި ކޮންޓެންޓަކާ ގުޅިގެން ކަމަށެވެ. ބްރޯޑްކޮމުން ބުނީ އެ މައްސަލަ ބެލީ އެ ކޮންޓެންޓުގައި ކުޑަކުދިންގެ ކަރާމާތާއި ހައްގުތަކަށް ބުރޫއަރާފަދަ ކޮންޓެންޓް ހިމެނޭތީ އަމިއްލައަށް އިސް ނަގައިގެން ކަމަށެވެ.
ބްރޯޑްކާސްޓް ކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމަށް އަަމަލުކުރަންވީ ގައިޑްލައިނާ ރާއްޖެ ޓީވީން ވެސް ހިލާފުވެފައިވާ ކަމަށާއި އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ، އެ މައްސަލައެއްގެ ޒާތަށާއި ހައްސާސް ކަމަށް ބަލައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކޮމްއިން ބުންޏެވެ.
ރާއްޖެ ޓީވީއަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައި ވަނީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެމްބަރު މަރިޔަމް ޒުބައިރު (މަންދީ) ރައީސްގެ ދޮށީ ދަރިކަލުންނާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ މައްސަލާގަ އެވެ. އެ މައްސަލާގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ސިވިލް ކޯޓުގައި ދައުވާ ކުރެއްވުމުން، އެ ކޯޓުން ކުރިން ވަނީ އެ ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލެއްގެ އަބުރު ގެއްލުނުކަން ސާބިތުވާ ކަމަށް ނިންމައިފަ އެވެ.