މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މާދަމާ ވެސް ބާއްވަނީ
މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މާދަމާ ވެސް ބާއްވަނީ

މި އަހަރުގެ ދެވަނަ ދައުރު ނިމި ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ހަތް ވަނަ ޖަލްސާ މާދަމާ އަށް ތާވަލުކޮށްފި އެވެ.

މަޖިލިހުގެ ދައުރުން ބޭރު ފަސްވަނަ ޖަލްސާ އާއި ހަވަނަ ޖަލްސާ މިއަދު ބޭއްވުމަށް ފަހު ހަތް ވަނަ ޖަލްސާ މާދަމާ އަށް ތާވަލުކުރި ނަމަވެސް އެ ޖަލްސާގެ އެ ޖެންޑާ އަދި އިއުލާނެއް ނުކުރެ އެވެ.

ދައުރުން ބޭރު ޖަލްސާތަކުގެ ސިލްސިލާ މި ފަހަރު ފެށުމުގެ ކުރިން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު "މިހާރު" އަށް ވިދާޅުވީ ދައުރުން ބޭރު ޖަލްސާ ބާއްވަން އެދިވަޑައިގެންނެވި މައިގަނޑު ބޭނުމަކީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ނައިބުރައީސް އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބުރައީސް ކަމަށް އައްޔަންކުރާ ބޭފުޅުންނަށް ރުހުން ދިނުން ކަމަށެވެ.

އެ ދެ މަސައްކަތް މިއަދު ބޭއްވި ދައުރުން ބޭރު ހަވަނަ ޖަލްސާގައި ނިންމިއިރު، ރިފަރެންޑަމް ބިލުގެ މަސައްކަތް މިއަދު ބޭއްވި، ދައުރުން ބޭރު ފަސްވަނަ ޖަލްސާގައި ނިންމި އެވެ.

މަޖިލީހުގައި އެންމެ އިސްކަމެއް ދީގެން އަވަސް މަސައްކަތެއްގެ ގޮތުގައި ކުރަމުން ގެންދަނީ މީޑިއާ ރެގިއުލޭޝަން ބިލުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލުގެ މަސައްކަތެވެ.

ހަންނާނު ހުށަހެޅުއްވި ނަމަވެސް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީން ދިފާއުކުރާ އެ ބިލު ދިރަސާކުރުމުގެ މަސައްކަތް މިއަދު ހެނދުނުން ފެށިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގެންދަނީ ކުރަމުންނެވެ.

އެ ބިލަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތައް ނިންމަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަސައްކަތް ކުރަމުން ދާއިރު، ބެލެވޭ ގޮތުގައި މާދަމާގެ ޖަލްސާގައި ބިލަށް ވޯޓަށް އަހާނެ އެވެ.

މީޑިއާ ބިލް އެކުލަވާލާފައި ވަނީ މީޑިއާގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ގޮތަށް ނޫސްވެރިން ބުނަމުންދިޔަ ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ އިސްލާހުތަކާ އެކު، ރަނގަޅު އަދި ބޮޑެތި ބަދަލުތަކެއް އެ ބިލުން ފެންނާނެ ކަމަށެވެ.