އެޗްއާރުސީއެމްގެ ނައިބު ރައީސަކަށް ޝަފީގު އައްޔަން ކުރަން ރުހުން ދީފި
އެޗްއާރުސީއެމްގެ ނައިބު ރައީސަކަށް ޝަފީގު އައްޔަން ކުރަން ރުހުން ދީފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރްސީއެމް)ގެ ނައިބު ރައީސް ކަމަށް މުހައްމަދު ޝަފީގު މަމްދޫހު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ހަވަނަ ޖަލްސާގައި، ޝަފީގަށް ރުހުން ދިނުމާ މެދު މިއަދު ނެގި ވޯޓުގައި އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 68 މެންބަރުންގެ ތެރެއިން 67 މެންބަރުންނެވެ. އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ. އެއީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދެވެ.

ޝަފީގު އެޗްއާރުސީއެމަށް އައްޔަން ކުރީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އޭނާ އަކީ ކުރިން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯކަން ވެސް ކުރެއްވި ބޭފުޅެކެވެ.

އެޗްއާރުސީއެމްގެ ރައީސަކަށް މިހާރު ހުންނަވަނީ މަރިޔަމް މުނާ އެވެ.

ސީއެސްސީގެ ރައީސަކަށް، އެ ކޮމިޝަނަށް އަލަށް އައްޔަންކުރި މުހައްމަދު މުޖުތާޒު އަދި ނައިބު ރައީސަކަށް މުހައްމަދު ނާސިހް އައްޔަންކުރަން ވެސް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެފައިވާ ގޮތުގައި މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ވެސް އެ ދެ ކޮމިޝަނަށް ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.