15 ސެޕްޓެމްބަރ 2025 - 13:16

އޮންލައިން ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކާ އެކު އަލީބާބާގެ އެކްސްޕާޓުން ބައިވެރިވާ ވެބިނާގައި 450 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާދަމާ އޮންނަ އެ ފޯރަމުގައި ވިޔަފާރިވެރިންނާއި ސްޓާޓަޕްތަކާއި އޮންލައިން ޕްލެޓްފޯމުތަކާއި ލޮޖިސްޓިކް ހިދުމަތްތައް ދޭ ފަރާތްތަކާއި ޕޯސްޓަލް ހިދުމަތް ދޭ ފަރާތްތަކާއި ފްރައިޓް ކުންފުނިތަކުން ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.
މި ވެބިނާ އަކީ ޗައިނާގެ އަލީބާބާ ގްރޫޕުން ހިންގާ މަޝްހޫރު އޮންލައިން ވިޔަފާރި ޕްލެޓްފޯމް ކަމަށްވާ "އަލީބާބާ ޑޮޓް ކޮމް" ގައި ދިވެހިންނަށް ސެލާ އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖެހިފައިވާތީ އެކަމާ ގުޅިގެން ބާއްވާ ހާއްސަ ވެބިނާ އެކެވެ. އިކޮނޮމިކް މިނިސްޓްރީއިން އަލިބާބާ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަނާއި ގުޅިގެން ބާއްވާ އެއް ދުވަހުގެ މި ވެބިނާ އަކީ އޯޕަން ސެލާ އެކައުންޓާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ބާއްވާ ފޯރަމެކެވެ.
އަލީބާބާއާ އެކު އިކޮނޮމިކް މިނިސްޓްރީން ކުރާ މަޝްވަރާތަކަކީ ޗައިނާއާ އެކު ރާއްޖެއިން ގާއިމް ކޮށްފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ ދަށުން، ގުޅުން ބަދަހިކުރަން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފަ އެވެ.