15 ސެޕްޓެމްބަރ 2025 - 13:21

ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު އަމުރު ބާތިލުކުރެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.
ކަރެކްޝަންސްގެ ޕްރިޒަންސް ކްލަބުގެ އެކައުންޓުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލާގެ ތުހުމަތުގައި ކަރެކްޝަންސްގެ އޭސީޕީ މުހައްމަދު އާސިފް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު މިދިޔަ ޖުލައި މަހު ވަނީ ވަކިކޮށްފަ އެވެ.
އާސިފް ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން ދައުލަތާ ދެކޮޅަށް އޭނާ ދައުވާކުރަން ނިންމުމުން، އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރަން ސިވިލް ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ. ނަމަވެސް އެ އަމުރު މުރާޖާކޮށްދިނުމަށް ދައުލަތުން ފަހުން އެދުނެވެ.
އޭސީޕީގެ މަގާމަށް މީހަކު އައްޔަންކުރުން މަޑުޖައްސާލަން ނެރުނު އަމުރު މުރާޖާކޮށްދިނުމަށް ދައުލަތުން އެދުނީ އާސިފް ކުރަމުން އައި މަސައްކަތް ނުރަސްމީ ގޮތެއްގައި އެހެން މުވައްޒަފުންތަކަކާ ހަވާލުކުރަން ޖެހިފައިވުމުން އެއީ ހައްގު ނޫން ބުރައެއް އުފުލަންޖެހުން ކަމަށް ބުނެ އެވެ. އަދި އޭސީޕީގެ މަގާމަކީ ހިންގުމުގެ ޒިންމާތަކެއް ކަމަށް ވާއިރު، އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރެވުމަކީ ކަރެކްޝަންސްގެ އާންމު ހިދުމަތަށް އަސަރު ކުރާނެ ކަމެއް ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
ނަމަވެސް ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ އޭސީޕީގެ މަގާމުގެ ޒިންމާތަކަކީ އެހެން މުވައްޒަފަކާ ހަވާލުކުރެވިދާނެ ޒިންމާތަކެއްކަން އެނގޭ ކަމަށެވެ. އެހެންވެ، އެފަދަ އިންތިޒާމުތަކެއް ކަރެކްޝަންސްގައި ހަމަޖެހިފައި އޮތުމުން ހައްގު ނޫން ބުރައެއް ދައުލަތަށް ކުރިމަތިވެފައިވާ ކަމަށް ނުބެލެވޭ ކަމަށް އެ ނިންމުމުގައިވެ އެވެ. އެހެންވެ، ވަގުތީ އަމުރު ބާތިލުކުރަންޖެހޭ ތަނެއް ނެތް ކަމަށް އެ ނިންމުމުގައި ބުނެފައިވެ އެވެ.