15 ސެޕްޓެމްބަރ 2025 - 11:58

ގުރްއާން ހިތުދަސްކުރާ ހާފިޒުންނަށް ދެއްވާ އިނާމާއި މެޑަލް މީގެ ފަހުން ދެއްވާނީ ރޯދަ މަހުގެ 27 ވިލޭރޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.
ހާފިޒުންނަށް އިނާމު ދިނުމަށް މިދިޔަ އަހަރު ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާ ކޮންމެ ރޯދަ މަހެއްގެ 27 ވިލޭރޭ ބާއްވަން ނިންމައިފައިވާކަން އިއުލާން ކުރައްވައިފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ހާފިޒުންނަށް އިނާމާއި މެޑަލް ދިނުމުގެ ހަފުލާ ރޯދަމަހު 27 ވިލޭރޭ ބާއްވާ ގޮތަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
އެގޮތަށް ރައީސް ނިންމެވީ އެއީ ހާފިޒުންނަށް ހާއްސަ ކުރަން އެންމެ ރަނގަޅު ރޭ ކަމަށް ވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މިދިޔަ އަހަރު ބޭއްވީ ރާއްޖޭގައި ހާފިޒުންނަށް ހާއްސަކޮށް ބޭއްވި ފުރަތަމަ ޖަލްސާ އެވެ.
ގުރުއާނާ ބެހޭ މަރުކަޒުން މިދިޔަ އޭޕްރީލް މަހު "މިހާރު" އާ ހިއްސާކުރި މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގައި މި ވަގުތު 266 ހާފިޒުން އެބަތިއްބެވެ. އެއީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.
ސަރުކާރުން މިދިޔަ މަހު ވަނީ މީގެ ކުރިން ހާފިޒުންނަށް ދެމުން އައި 2،000ރ. ގެ އެލަވަންސް 4،000ރ. އަށް ބޮޑުކޮށް އެ ފައިސާ ޖަމާކުރަން ވެސް ފަށައިފަ އެވެ.