ހަތް އަހަރަށް ފަހު އެފްއޭއެމް އެވޯޑްސް އިއުލާންކޮށްފި، ފުޓްސަލް ހިމެނޭ
ހަތް އަހަރަށް ފަހު އެފްއޭއެމް އެވޯޑްސް އިއުލާންކޮށްފި، ފުޓްސަލް ހިމެނޭ

ހަތް އަހަރަށް ފަހު އެފްއޭއެމުން ފުޓްބޯޅަ އެވޯޑް ދޭން އިއުލާން ކޮށްފި އެވެ.

އެ އެސޯސިއޭޝަނުން އެންމެ ފަހުން ފުޓްބޯޅަ އެވޯޑް ދިނީ 2018 ގަ އެވެ. އޭގެ ފަހުން މިދިޔަ ހަތް އަހަރު އެފްއޭއެމުން އެފަދަ އެއްވެސް އެވޯޑެއް ނުދެ އެވެ.

އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވީ މިރޭ ފަށާ އާ ފުޓްބޯޅަ ސީޒަނާ އެކު އެފްއޭއެމްގެ އެވޯޑް ދިނުމަށް އިއުލާން ކުރާ ކަމަށެވެ. އެވޯޑް ދޭނީ މި ސީޒަނުގެ ނަތީޖާތަކަށެވެ.

"ކުޅިވަރުގެ ރޫހު އިތުރަށް އާލާކުރުމާއި، ކުޅިވަރުގެ ވާދަވެރިކަން އިތުރުކުރުމާއި އަދި ފުޓްބޯޅައިގެ ހިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ މަގްސަދުގައި ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން މިއަދުގައި ފަށާ ފުޓްބޯޅަ ސީޒަންގައި އެފްއޭއެމް އެވާޑްސް ދިނުމަށް އިއުލާން ކުރަމެވެ،" ސޯޝަލް މީޑިއާގައި ތޯރިގް ލިޔުއްވާފައި ވެއެވެ.

އެވޯޑް ދޭނެ ކެޓަގަރީތައް ވެސް އޭނާ ވަނީ އެ ޕޯސްޓަގައި ހިމަނައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އެފްއޭއެމުން ފުރަތަމަ ފަހަރަށް ދިނުމަށް ވެސް އިއުލާން ކުރި އެވެ. މި ސީޒަނުގައި ފުޓްސަލް މުބާރާތް ބޭއްވުމަށް ވެސް ފުޓްބޯޅަ ކަލަންޑަރުގައި އެ އެސޯސިއޭޝަނުން ވަނީ ހިމަނައިފަ އެވެ.

އެވޯޑް ދޭން ކެޓަގަރީތައް:

- ރާއްޖޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާ (ގަދަ ތިން ކުޅުންތރިން)

- ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ

- ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ

- އެންމެ މޮޅު ގޯލްކީޕަރު

- 21 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ

- އެންމެ މޮޅު ބިދެސީ ކުޅުންތެރިޔާ

- އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ

- އެންމެ މޮޅު ކޯޗު

- އެންމެ މޮޅު ގޯލް

- އެންމެ މޮޅު ކްލަބް

- އެންމެ މޮޅު ރެފްރީ

އެންމެ މޮޅު ގޯލްގެ އެވޯޑް އެފްއޭއެމުން ކުރިން ދީފައި ވަނީ ގައުމީ ޓީމަށް އެންމެ ފުރަތަމަ ގޯލެއް ޖަހައިދިން ކުޅުންތެރިޔާ މަރްހޫމް އަބްދުﷲ ރަޝީދު (ޖޫލޭ) ގެ ހަނދާނަށް، "ޖޫލޭސް ގޯލް އޮފް ދަ އިއާ އެވޯޑް" ގެ ނަމުގަ އެވެ.

ސްޕޯޓްސް މިނިސްޓްރީން 2022 ގައި އިއުލާން ކުރި މޯލްޑިވްސް ސްޕޯޓް އެވޯޑްގައި މިދިޔަ ތިން އަހަރު ވެސް ރާއްޖޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ދީފައިވެ އެވެ. އަދި އެވޯޑް ބޭއްވި ފުރަތަމަ އަހަރު އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ އަށް ވެސް އެވޯޑް ދިނެވެ. އެކަމަކު މިދިޔަ ދެ އަހަރު އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ހޮވާފައެއް ނުވެ އެވެ.

ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް އެންމެ ފަހުން ހޯދީ އީގަލްސްގެ ފޯވާޑް އަހްމަދު ރިޒުވާނެވެ. އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް އެންމެ ފަހުން ހޯދީ ގައުމީ ޓީމުގެ ކީޕަރު އާމިނަތު ލީޒާ (ލިޒީ) އެވެ.