15 ސެޕްޓެމްބަރ 2025 - 10:15

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ނައިބު ރައީސަކަށް އެ ކޮމިޝަނުގެ މެންބަރު މުހައްމަދު ޝަފީގު މަމްދޫހު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސްގެ އެ ހުށަހެޅުއްވުން ތަޅުމަށް އިއްވުމަށް ފަހު ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.
ޝަފީގު އެޗްއާރުސީއެމަށް އައްޔަން ކުރީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އޭނާ އަކީ ކުރިން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯކަން ވެސް ކުރެއްވި ބޭފުޅެކެވެ.
އެޗްއާރުސީއެމްގެ ރައީސަކަށް މިހާރު ހުންނަވަނީ މަރިޔަމް މުނާ އެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސް ކަމަށް އައްޔަން ކުރަން ހުށަހެޅުއްވުމުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަމަށް ބޭފުޅުން އައްުޔަން ކުރަން ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.
ސީއެސްސީގެ ރައީސަކަށް، އެ ކޮމިޝަނަށް އަލަށް އައްޔަންކުރި މުހައްމަދު މުޖުތާޒު އަދި ނައިބު ރައީސަކަށް ފޮނުއްވީ، އެ ކޮމިޝަންގެ މިހާރުގެ ރައީސް މުހައްމަދު ނާސިހުގެ ނަމެވެ.
މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެފައިވާ ގޮތުގައި މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ވެސް އެ ދެ ކޮމިޝަނަށް ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.