15 ސެޕްޓެމްބަރ 2025 - 09:41

ގއ. ވިލިނގިލީގެ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރަމުންދިޔަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން އެ މައްސަލާގައި ހައްޔަރުކުރީ ގ. ރޯޒީ، މުހައްމަދު ޝަރީފެވެ.
ފުލުހުން ބުނީ އުމުރުން 37 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ ވިލިނގިލީގެ އެކި ފިހާރަތަކުން ތަކެތި ގަނެ، އޮންލައިންކޮށް ފައިސާ ދެއްކި ކަމަށް ބުނެ، ސައްހަ ނޫން ސްލިޕް ފޮނުވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.
ފުލުހުން ބުނި ގޮތުގައި އެކި ފިހާރަތަކުން 1500ރ. ގެ ތަކެތި އޭނާ ނަގާފައިވެ އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 8 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފޭކް ސްލިޕް ފޮނުވައިގެން މާލޭގެ އެކި ފިހާރަތަކުން ވިޔަފާރިކުރާ މައްސަލަ ވެސް ބޮޑެވެ. އެތައް ހާސް ރުފިޔާއެއްގެ ތަކެތި ގަންނަ ފަހުން، އެކަން ފަޅާ އަރައިގެން ވެސް ބައެެއް މީހުން ހައްޔަރުކޮށްފައިވެ އެވެ. ބައެއް މީހުން ދޫކޮށްލުމުން އަނެއްކާ ވެސް ފޭކް ސްލިޕުން ވިޔަފާރިކުރާ ކަން ފަޅާއަރައި ތަކުރާރުކޮށް ހައްޔަރު ކުރަން ޖެހިފައިވާ ކަން ފުލުހުންގެ ތަފާސްހިސާބުން އެނގެ އެވެ.