14 ސެޕްޓެމްބަރ 2025 - 22:59

ގަތަރުގައި ބާއްވާ އިމަޖެންސީ އަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގަތަރަށް ފުރާވަޑައިގެންފި އެވެ.
މި މަހުގެ 9 ވަނަ ދުވަހު ދޯހާ އަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން ބާއްވާ މި ސަމިޓުގައި، ރައީސް ބަޔާނެއް އިއްވަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ، މާދަމާ ބާއްވާ އެ ސަމިޓުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވުމަކީ ރާއްޖެ އާއި ގަތަރާ ދެމެދު އޮތް އެއްބައިވަންތަކަމާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
އެ އޮފީހުން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް މިހާރުން މިހާރަށް ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން އެދެމުންދާ އެދުމަށް ވެސް އެކަމުން ބާރު ލިބެ އެވެ.
ރައީސް އޮފީހުން ބުނީ އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓެއް ބޭއްވުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ގައުމުތަކުގެ އިސްވެރިން އެއްތަންވުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަށާއި އޭގެ ސަބަބުން މުސްލިމް އުއްމަތުގެ އަޑު އެކަތިގަނޑެއްގެ ގޮތުގައި ގަދަކޮށް އިއްވައި، ލާއިންސާނީ އަމަލުތައް ހުއްޓުވައި ސަރަހައްދީ އަމަންއަމާންކަން ގާއިމުކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވާނެ ކަމަށެވެ.