14 ސެޕްޓެމްބަރ 2025 - 19:38

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް މާލެ ސަރަހައްދުގައި އިންސްޕެކްޝަނެއް ފަށަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ތައްޔާރުވެއްޖެ އެވެ.
އެ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި އެމްއެފްޑީއޭގައި ރަޖިސްޓަރީ ނުކޮށް، ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް މި މަހުގެ 21 އިން ފެށިގެން މި މަހުގެ ނިޔަލަށް އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެއީ އެމްއެފްޑީއޭ އާއި މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަނެކެވެ.
އެމްއެފްޑީއޭ އިން ބުނިގޮތުގައި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އެ އޮތޯރިޓީގައި ރަޖިސްޓަރީ ކުރުން ލާޒިމެވެ.
އެހެންވެ، ރަޖިސްޓަރީނުކޮށް ކާބޯތަކެތީގެ ހިދުމަތްދޭކަން ފާހަގަވެއްޖެ ނަމަ އިންސްޕެކްޝަނުގެ ތެރެއިން، އެ ތަންތަން ބަންދުކޮށް، އެ ބައެއްގެ މައުލޫމާތު އާންމުކުރާނެ ކަމަށް ވެސް ބުންޏެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް މީގެ ކުރިން އެޗްޕީއޭ އާއި އެކި އިދާރާތަކުން ކޮށްފައިވެ އެވެ. އެ އިންސްޕެކްޝަންތަކުގައި ކާބޯތަކެތީގެ ހިދުމަތްދޭ ބައެއް ތަންތަނުގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަވުމުން ފިޔަވަޅު ވެސް އަޅާފައިވެ އެވެ.