14 ސެޕްޓެމްބަރ 2025 - 19:01

ސްކޭމް މައްސަލަތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، އެ ތަނުން 33 މޯބައިލް ފޯނާއި އިތުރު ސާމާނު އަތުލައިގެންފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ އެ އިދާރާ އަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާ ގުޅިގެން ކުރި ތަހުގީގުގައި އެނގެނީ އެފަދަ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންގެ ބައިވެރިވުން އޮންނަ ކަމަށެވެ.
އެހެންވެ، ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގައި އެ ތަން ބަލައިފާސްކޮށްފައިވާއިރު، ފުލުހުން ބުނީ އެތަނުން އެކި ބްރޭންޑުތަކުގެ 33 ފޯނާއި އިޔާޕޮޑާއި ހެޑްސެޓާއި ފޯނު ޗާޖުކުރާ ކޭބަލާއި ސިމްކާޑު ފެނިފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އެ އިދާރާ އިން ބުންޏެވެ.
ފުލުހުން ބުނީ ސްކޭމް މަދުކުރުމަށް ފަށާފައިވާ ހާއްސަ މަސައްކަތުގެ ދަށުން ކަރެކްޝަންސްއާ ގުޅިގެން އެފަދަ އިތުރު އޮޕަރޭޝަންތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ.