14 ސެޕްޓެމްބަރ 2025 - 16:08

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ބައްދަލުކުރަން ތަކުރާރުކޮށް އެދިގެން ވެސް އެ ފުރުސަތު ނުލިބުނު ކަމަށް ބުނެ އެމްޑީޕީން ހައުސިން މިނިސްޓްރީ ދޮށަށް އެއްވެ މުޒާހަރާކޮށްފި އެވެ.
އެ ސަރަހައްދަށް އެއްވީ، އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ސަޕޯޓަރުންތަކެކެވެ.
ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހާޒިރުކޮށްދޭން ތަކުރާރުކޮށް އެދުމުން މިއަދާ ހަމައަށް ވެސް މިނިސްޓަރާ ބައްދަލުކުރެވިފައި ނުވާ ކަމަށެވެ. އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުން ވެސް ވަނީ މިނިސްޓަރާ ބައްދަލުކުރަން އެދި ހުށަހަޅާފައި ކަމަށާއި ތިން މަސް ވެގެން ދިޔައިރު ވެސް މިނިސްޓަރާ ބައްދަލުކުރެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ދޭތެރޭ މިހެން ކަންތައް ކުރެވިގެންދާއިރު ދެން އާންމު ރައްޔިތުންނަށް ކަންކުރެވޭނެ ގޮތް ތިބޭފުޅުން ވިސްނަވާލައްވާ،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިނިސްޓަރާ ބައްދަލުކުރަން އެދިވަޑައިގަތީ ބޯހިޔާވަހިކަމާއި ބިން ހިއްކުމުގެ މަޝްރޫއުތަކާއި އެ ބޭފުޅުންގެ ދާއިރާތަކުގައި ހުއްޓިފައި ހުރި މަޝްރޫއުތަކާ ގުޅިގެން މަޝްވަރާ ކުރެއްވުމަށެވެ.
އެހެންވެ، ހައުސިން މިނިސްޓްރީ ހުންނަ ދަރުބާރުގެއަށް ދިއުމުން ވެސް މިނިސްޓަރާއި އެ ތަނުގެ އެއްވެސް ސިޔާސީ މުވައްޒަފަކާ ބައްދަލުކުރެވިފައި ނުވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިނިސްޓްރީގެ ތެރެއަށް ބައެއް އާންމުން ވެސް ވަދެފައިވާ ކަމަށާއި އެ މީހުން ވެސް އެތަނަށް ވަދެފައި ވަނީ އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުން މިނިސްޓްރީއަށް ހުށަހަޅާފައިވާ ސިޓީތަކަށް ޖަވާބު ނުލިބިގެން ކަމަށެވެ.
"އެތާ އެތެރޭގައި އެބަ ތިބި ބައެެއް އާންމު ރައްޔިތުން ވެސް ތިން ހަތަރު މަސް ދުވަސްވީ އެ ބޭފުޅުންގެ އެކި އެކި މައްސަލަތަކާ ގުޅޭ ސިޓީތަކަށް ޖަވާބު ނުލިބިގެން،" އޭނާ ވިދާޅުވި އެވެ.
އެކަމަކު މިނިސްޓްރީގެ ތެރެއަށް ވަދެ، 30 މިނެޓް ވަންދެން އެތަނުގައި ތިބިއިރު ވެސް މިނިސްޓްރީގެ އިސް މުވައްޒަފަކާ ބައްދަލުކުރެވިފައިނުވާ ކަމަށާއި އެތަނުގައި އެއްވެސް ބޭފުޅަކު އެވަގުތު ނެތް ކަމަށް ފަހުން ބުނެފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.
އެހެންވެ، އޭނާ ވަނީ ސަރުކާރު ހަމަ މަގަށް އަޅުވަން ޖެހިފައިވާ ކަމަށާއި "ކިބުރުވެރި" ބަޔަކު ވެރިކަމުގައި ބައިތިއްބައިގެން ތިބެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ.
އޭނާ އެގޮތަށް ވިދާޅުވިއިރު އަންނަ މަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށާއި "ސަރުކާރު ހަމަ މަގަށް އެޅުވެން ދެން" އެ މުޒާހަރާތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މިމަހުގެ 1 ވަނަ ދުވަހު ފާސްކޮށްފަ އެވެ.