14 ސެޕްޓެމްބަރ 2025 - 15:54

މޯލްޑިވިއަން އެއާލައިނުން މި ފަހުން ހުޅުވާލި ކެޑޭޓު ޕައިލެޓުންގެ ހަތަރު މަގާމަށް 100 އެއްހާ މީހުން ކުރިމަތިލާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް މިއަދު ވިދާޅުވެއްޖެ އެވެ.
ގިނަ އަދަދެއްގެ ޒުވާނުން ޕައިލެޓުކަން ކިޔެވުމަށް ފަހު، ވަޒީފާ ނުލިބި ތިބި މި ދަނޑިވަޅުގައި ގައުމީ އެއާލައިންގެ އޭޓީއާރަށް ދެ ޕައިލެޓުން ހޯދަން މިދިޔަ ޖުލައި މަހު އަދި ސީޕްލޭނަށް ދެ ޕައިލެޓުން ހޯދަން މިދިޔަ މަހު އިއުލާންކުރި އެވެ.
އިޔާސް މިއަދު ވިދާޅުވީ ހަތަރު ކެޑޭޓު ޕައިލެޓުންގެ މަގާމަށް 100 އެއްހާ މީހުން ކުރިމަތިލި ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނަ މީހުން ކުރިމަތިލާފައިވަނީ އޭޓީއާރަށެވެ.
ޕައިލެޓުންގެ އަދަދު ކުއްލިއަކަށް އިތުރުވީ، އެ ދާއިރާއިން ކިޔެވުމަށް ކުރީގެ ސަރުކާރުން ލޯނު ސްކީމުގެ ދަށުން 500 އެއްހާ ފުރުސަތު ދިނުމުންނެވެ. އެއާ އެކު، ކިޔެވުމަށް ފަހު ވަޒީފާ ނުލިބި ތިބި ޕައިލެޓުންގެ އަދަދު އެތައް ގުނައެއް އިތުރުވެގެން ދިޔަ އެވެ.
ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން މިދިޔަ އޭޕްރީލް މަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އެ ދުވަސްވަރު ވެސް 200 އަށް ވުރެ ގިނަ ޕައިލެޓުން ވަޒީފާ ނުލިބި އެބަތިބި ކަމަށެވެ.
ރާއްޖޭގައި ކެޑޭޓް ޕައިލެޓުން ނަގަނީ ދެ ކުންފުންޏަކުންނެވެ. އެއީ ޓީއެމްއޭ އާއި މޯލްޑިވިއަން އެވެ.
އަމީން ވިދާޅުވި ގޮތުގައި އެ ދެ ކުންފުނި އެއްކޮށްލައިގެން ވެސް އަހަރަކު އުފެއްދެނީ 25 ވަޒީފާގެ ފުރުސަތެވެ.
އެހެންވެ، ސަރުކާރުގެ ޒިންމާއަކީ އެ އޮންނަ ފުރުސަތަކާ އެއްވަރަށް ސްކޮލާޝިޕް ދިނުން ކަމަށް ވިދާޅުވި އެވެ.