14 ސެޕްޓެމްބަރ 2025 - 14:04

މަސްވެރިކަން ޕްރޮމޯޓުކުރުމަށް އުފައްދާފައިވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު ޒަރީރު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް އާ ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިކް އެންޑް ފްރޮމޯޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ބޯޑު މެމްބަރު ކަމަށް އދ. މާމިގިލީ ޖަވާހިރުވާދީ، ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކޮށްފައިވާ ކަމަށެވެ.
އޭނާ ކުރިން ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ޑްރަގް ކޯޓުގެ އިސް މަގާމެއް ވެސް އަދާ ކުރައްވައިފަ އެވެ.
މަސްވެރިކަމުގެ ޕްރޮމޯޝަނަށް އާ ކުންފުންޏެއް އުފެއްދީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެއަށްފަހު، އެ މަގާމަށް ޒަރީރު އައްޔަން ކުރެއްވީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.
ދޮޅު އަހަރަށް ފަހު އެ ކުންފުނިން ޒަރީރު އިސްތިއުފާ ދެއްވީ ފުޓްބޯޅަ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިދިޔަ މަހު އައްޔަން ކުރުމުންނެވެ.