14 ސެޕްޓެމްބަރ 2025 - 09:35

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެސް އަސީރުން މިނިވަންކުރުމަށް އޮތް ހުރަހަކީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް، އަސީރުން މިނިވަންކުރުމަށް މަސައްކަތްކުރާ އިޒްރޭލުގެ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ހޮސްޓެޖަސް އެންޑް މިސިން ފެމިލީސް ފޯރަމުން ބުނެފި އެވެ.
އެ ޖަމިއްޔާއިން މިހެން ބުނީ ގަތަރުގައި އުޅޭ ހަމާސްގެ ލީޑަރުން "ނައްތާލުމުން" ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް ނަތަންޔާހޫ ބުނުމާ އެކުގަ އެވެ.
"ގަތަރުގައި ވަކި ބަޔަކަށް އަމާޒުކޮށްގެން ދިން ހަމަލާއިން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވީ އަސީރުން މިނިވަންކުރުމާއި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޮތީ އެންމެ ހުރަހެއްކަން ... އެއީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ،" ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް އިޒްރޭލުން ގަތަރަށް ދިން ހަމަލާއަށް އިޝާރާތްކޮށް ހޮސްޓެޖަސް އެންޑް މިސިން ފެމިލީސް ފޯރަމުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"އެއްބަސްވުމަކާ ހަމަޔަށް ދެވޭ ކޮންމެ ފަހަރަކު ނަތަންޔާހޫ އެކަމަށް އެބަ ހުރަސް އަޅާ،" ބަޔާނުގައިވެ އެވެ.
ހަމާސްގެ ލީޑަރުން ނައްތާލުމުން ހަނގުރާމަ ނިމި އަސީރުން މިނިވަންވާނެ ކަމަށް ބުނެ ނަތަންޔާހޫ ދިން ބަޔާނުގައި އޭނާ ބުނެފައިވަނީ ގަތަރުގައި އުޅޭ ހަމާސްގެ ލީޑަރުން ޣައްޒާގެ އާންމުންނާ މެދު ނުވިސްނާ ކަމަށެވެ. ހަމަލާތައް ހުއްޓުމަކަށް ގެންނަން ކުރާ ކޮންމެ ކަމަކަށް ހުރަސްއަޅައި ހަނގުރާމަ ދިގުދަންމަނީ އެ ލީޑަރުން ކަމަށް ނަތަންޔާހޫ ތުހުމަތުކޮށްފައިވެ އެވެ.
މި ވާހަކައަށް ރައްދު ދީ، އަސީރުންގެ ފޯރަމުން ބުނީ ނަތަންޔާހޫ އެ ވާހަކަ ދައްކަނީ އަސީރުން މިނިވަންކުރުމުގައި ފެއިލްވުމުން އެކަމުގެ މަތި އަޅަން ކަމަށެވެ.
"ވެރިކަމުގައި ގިނަ ދުވަހު ހުންނަން ބަހަނާ ދެއްކުން ނިމުމަކަށް ގެނައުމުގެ ވަގުތު ޖެހިއްޖެ،" އެ ފޯރަމުން ބުންޏެވެ.
"މިކަން ދިގު ދެންމުމުގެ ސަބަބުން އިތުރު ރަހީނުންތަކެއްގެ ފުރާނައަށް ދަނީ ނުރައްކާވަމުން. ބަންދުގައި އެ މީހުން ތިބޭތާ ދެ އަހަރު ވާން ގާތްވެފައި ވާއިރު މިހާރު ވެސް ސަލާމަތުން ތިބީ ކިރިޔާ. އަދި މަރުވެފައިވާ އަސީރުންގެ ހަށިތައް ގެނައުމަށް ވެސް ވަނީ ހުރަސްއެޅިފައި."
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސް އިން ދިން ހަމަލާގެ ތެރޭގައި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ އިޒްރޭލުގެ 251 މީހަކު އަސީރުންގެ ގޮތުގައި ގެންގޮސްފަ އެވެ. މީގެ ތެރެއިން ބައެއް މީހުން މީގެ ކުރިން ހަމަލާތައް މެދުކަނޑާލި އެއްބަސްވުންތަކުގެ ދަށުން މިނިވަންކޮށްފައި ވާއިރު އަދިވެސް 47 މީހަކު އެބަތިއްބެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި މީގެ ތެރެއިން 25 މީހަކު ހަނގުރާމަވެރިންގެ ބެލުމުގެ ދަށުގައި ތިއްބާ ވަނީ މަރުވެފަ އެވެ.
އިޒްރޭލުގެ އެތައް ހާސް ބަޔަކު ތެލް އަވީވްގައި އިއްޔެ ވެސް އެއްވެ، އަސީރުން މިނިވަންކުރެވޭނެ އެއްބަސްވުމަކަށް ސަރުކާރުން އަވަހަށް ދިއުމަށް ގޮވާލައި އަޑު އުފުލާފައިވެ އެވެ. -- އޭއެފްޕީ