"ފީފާ 17" ސެޕްޓެމްބަރު 29 ގައި ނެރެނީ
"ފީފާ 17" ސެޕްޓެމްބަރު 29 ގައި ނެރެނީ

ފުޓްބޯޅަ އީދެއް އައިސްގެނެ އުޅޭ މި ދުވަސްވަރާ ދިމާކޮށް، ފުޓްބޯޅައިގެ ވީޑިއޯ ގޭމް ކުޅޭ މީހުންނަށް ވެސް އުފާވެރި ޚަބަރެކެވެ. "ފީފާ 17" ގެ ޓްރެއިލާ އާންމުކޮށްފި އެވެ. އަދި މި ގޭމް ކުޅެލަން ލިބޭނެ ދުވަސް ވެސް، ގޭމް ކުންފުނި އިލެކްޓްރޯނިކް އާޓްސް (އީއޭ) އިން އިއުލާނުކޮށްފި އެވެ. އެއީ އަންނަ ސެޕްޓެމްބަރު 29 އިން ފެށިގެންނެވެ.

އީއޭ އިން ބުނީ ޕްލޭސްޓޭޝަން 3، ޕްލޭސްޓޭޝަން 4، އެކްސްބޮކް 360 އަދި ވިންޑޯސް ޕީސީ އަށް ސެޕްޓެމްބަރު 29 އިން ފެށިގެން ލިބޭނެ ކަމަށެވެ.

މިފަހަރުގެ ގޭމް އުފައްދާފައި ވަނީ މުޅިން އާ، ފްރޮސްޓްބައިޓް ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. ޓްރެއިލާ އަށް ބަލައިލުމުން މަންޒަރުތައް ހަގީގަތާ ވަރަށް އެއްގޮތްކަން އެނގެ އެވެ. ކުޅުންތެރިންގެ ސިފަޔާއި ހަރަކާތްތައް ވައްތަރުވެފައި ވަރަށް ފުރިހަމަ އެވެ.

ފްރޮސްޓް ބައިޓް ޓެކްނޮލޮޖީ އާންމުކޮށް ބޭނުންކޮށްފައި ހުންނަނީ ބަޑި ޖަހާ، ސްޓާ ވޯޒް ބެޓްލްފްރަންޓް އާއި ބެޓްލްފީލްޑް ފަދަ ބައެއް ގޭމުތަކުގަ އެވެ. ކުޅިވަރު ގޭމެއްގައި މި ޓެކްނޮލޮޖީ އެންމެ ފުރަތަމަ ބޭނުންކުރީ މިދިޔަ އަހަރު ޕީޖީއޭ ޓުއާގަ އެވެ.

އާންމުކުރި ޓްރެއިލާގައި ގޭމުގެ އާ ފީޗާތަކުގެ ވާހަކަ ކިޔައިދީފައެއް ނުވެ އެވެ. އެކަމަކު މި ގޭމުގެ ސްޓޭންޑަޑް، ޑިއުލަކްސް އަދި ސުޕަ ޑިއުލަކްސް ވާޝަން ހިމެނޭ ކަމަށާއި މި ތިން ވާޝަންގައި ވެސް ކޮންޓެންޓުގެ ތަފާތުތައް ހުންނާނެކަން ވަނީ ހާމަކޮށްފަ އެވެ. މި ވާޝަންތަކަށް ވަނީ ޕްރީއޯޑާ ހުޅުވާލައިފަ އެވެ.