ކުރީގެ ރައީސުންގެ ޕެންޝަންގެ އަދަދު ކުޑަކުރަން ނަޝީދު ތާއީދު
ކުރީގެ ރައީސުންގެ ޕެންޝަންގެ އަދަދު ކުޑަކުރަން ނަޝީދު ތާއީދު

ކުރީގެ ރައީސުންނަށް ސަރުކާރުން ދޭ ޕެންޝަންގެ އަދަދު ކުޑަކުރަން ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ދެމުންދާ ބައެއް އިނާޔަތްތައް ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަޖިލިހުގެ ބައެއް މެމްބަރުން އަދި އާންމުންގެ ގިނަ ބަޔަކު ވެސް ވެސް ތާއީދު ކުރަމުން އަންނަ މި ދަނޑިވަޅުގައި "އެކްސް" ގައި ނަޝީދު ވިދާޅުވީ، "ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން އަޅުގަނޑަށް ވެސް ފެނޭ" ކަމަށެވެ.

އެއާ އެކު، އެ މަނިކުފާނު ފާހަގަކުރެއްވީ ކުރީގެ ޅެންބައިތެކެވެ.

ލިބޭ މިންވަރު ނިކަން ދަނެގެން

ވި ބޭނުންތައް ބަހާލައިގެން

ތިބޭ ނަމައީ ފިކުރު ކޮށްގެން

މި ބޭޒާރެއް ނުވެސް ވާނެއޭ

ރައީސް މުއިއްޒު މި މަހުގެ 10 ގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށާއި މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެކަމަކު، އެ އިސްލާހުތައް ހުށަހަޅުއްވާނެ ތާރީހެއް އެ މަނިކުފާނު އަދި ވިދާޅެއް ނުވެ އެވެ.

ރައީސް ވިދާޅުވީ، ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ބޭފުޅުންނަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

އޭގެ ތެރޭގައި ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުން އަންނަ މީހެއް ނަމަ އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ ކަން ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެމްބަރުންނަށް ދައުލަތުން ކުރާ ހަރަދު ބޮޑުވެ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދާދި ފަހުން ކަންބޮޑުވުން ފާޅުކުރަން ފެށީ ކުރީގެ މެމްބަރުންނަށާއި މިހާރުގެ މެންބަރުންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފާސްހިސާބުތައް އާއްމުކުރުމާ ގުޅިގެންނެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާންމު މީހަކު ހޯދައި، ސޯޝަލް މީޑިއާގައި އާއްމުކުރި ތަފާސްހިސާބުތައް ދެއްކި ގޮތުގައި ކުރީގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް އެކަނި ވެސް މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި 18 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި އެވެ.

އަދި މިހާރުގެ މަޖިލީހުގެ މެމްބަރުން ވީއައިޕީ ލައުންޖު ބޭނުން ކުރުމުގެ ހަރަދުތަކަށް މިދިޔަ އެއް އަހަރު ތެރޭގައި 1.5 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާކަން ވެސް އެ ހިސާބުތަކުން ވަނީ ހާމަވެފަ އެވެ.

މަޖިލީހުގެ ކުރީގެ މެމްބަރުން އުމުރުން 55 އަހަރުވުމަށްފަހު ކޮންމެ މަހަކު ދައުލަތުން އިނާޔަތެއް ދޭއިރު، ކުރީގެ ރައީސުންނަށް ވެސް ދައުލަތުން ކޮންމެ މަހަކު މާލީ އިނާޔަތްތައް ދެ އެވެ.