14 ސެޕްޓެމްބަރ 2025 - 05:46

ބޮލީވުޑްގެ ތަރި އަނަންޔާ ޕާންޑޭ އޭނާގެ އާ ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު ޗުއްޓީ ހޭދަކުރަން ރާއްޖެ އަތުވެއްޖެ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ އައިސްފައިވާ އަނަންޔާގެ މި ދަތުރުގެ ބައެއް ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި އިއްޔެ ވަނީ ޕޯސްޓުކޮށްފަ އެވެ.
އަނަންޔާ މިފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ އަތޮޅުގައި އޮންނަ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުގަ އެވެ. އޭނާ މިފަހަރު ރާއްޖެ އައީ ކާކާ އެކުގައި ކަމެއް އަދި ނޭނގެ އެވެ.
އިންސްޓަގްރާމްގައި ފުރަތަމަ ކުރި ޕޯސްޓުގައި އަނަންޔާ ވަނީ އެ ރިސޯޓުގެ އެކި ތަންތަނުގައި ނަގާފައިވާ ބައެއް ފޮޓޯތައް ހިމަނައިފަ އެވެ. އަދި އެ ޕޯސްޓުގެ ކެޕްޝަންގައި "އިން ޓު ދަ ބްލޫ" ލިޔެފައިވެ އެވެ.
"ވަރަށް ހިތްގައިމު. ވެލަޔާ އެކު ފީނާއި، ކޯމަސް ބަލަން ގޮސް، އިރުއޮއްސޭ ހިތްގައިމު މަންޒަރު ބަލައި، އަހަރެން ޕަޖާމާގައި އިނދެ މީރު ކެއުންތައް ކަމުންދާއިރު ވައިފިޔަ މަޑިތައް ދާ ތަން ފެނުމާއި، އަދި މަސަޖާއި ކަސްރަތު ވެސް!!! އަހަރެން ގައިގައި ވިކާލަބަ،" އަނަންޔާގެ ދެވަނަ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.
އަނަންޔާގެ ދެވަނަ ޕޯސްޓުގައި ހިމަނާފައިވާ ފޮޓޯތަކުގައި އޭނާ ވެލަޔެއް ކައިރީގައި ފީނާތަން ފެނެ އެވެ. އަދި ކޯމަސް ބަލަން ގޮސް އޭނާ ނަގާފައިވާ ވީޑިއޯއެއް ވެސް އެ ޕޯސްޓުގައި ހިމަނާފައިވެ އެވެ.
އަނަންޔާ ރާއްޖެ މި އައީ އޭނާގެ އާ ފިލްމު "ތޫ މޭރީ މެއިން ތޭރާ، މެއިން ތޭރާ ތޫ މޭރީ"ގެ ޝޫޓިން ނިމުނުތަނާ އެވެ. އަންނަ އަހަރު ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. އެ ފިލްމުގައި އޭނާއާ އެކު ލީޑު ރޯލު ކުޅެނީ ބޮލީވުޑްގެ ތަރި ކާތިކް އަރްޔަން އެވެ.