130 ކިލޯގެ ޑްރަގު މައްސަލައެއްގައި ހިމެނޭ ޝަހީބް ކޯޓަށް ހާޒިރުކުރަން ހޯދަނީ
130 ކިލޯގެ ޑްރަގު މައްސަލައެއްގައި ހިމެނޭ ޝަހީބް ކޯޓަށް ހާޒިރުކުރަން ހޯދަނީ

ކަންނެލި ދޯންޏެއްގައި 130 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައެއްގައި 2020 ވަނަ އަހަރު ހައްޔަރުކުރުމުން، ކްރިމިނަލް ކޯޓުން ބަންދު އަމުރު އެއް ފަހަރު ދިނުމަށް ފަހު ދޫކޮށްލި، ގއ.ވިލިނގިލި، ލައިޓްހައުސް ޝަހީބް އިބްރާހީމް 47، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ޓަކައި ހޯދަން އިއުލާނުކޮށްފި އެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޝަހީބް ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަަމަށެވެ.

އޭނާ ކޯޓަށް ހާޒިރުކުރަން އަމުރުކުރީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ.

ކަންނެލި ދޯންޏެއްގައި ޑްރަގް އެތެރެކުރި މައްސަލައިގައި ހައްޔަރުކުރުމަށް ފަހު 2020 ވަނަ އަހަރު ޝަހީބް ދޫކޮށްލުމުން، ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އޭނާ ދޫކޮށްލީ އޭނާއާ ދެކޮޅަށް ހެކި ހުރެގެން، ފުރަތަމަ ފަހަރު ބަންދުގެ މުއްދަތު ދިނުމަށް ފަހު، އިތުރު ހެކި ހުށަހަޅައިފައި ވަނިކޮށެވެ.

ރާއްޖެއަށް ޑްރަގް އެތެރެކުރަން ބޭނުންކުރި ކަމުގެ ތުހުމަތަށް 2019 ވަނަ އަހަރު ހިފެހެއްޓުމަށް ފަހު ދޫކޮށްލި ބޯޓެއް ފެތުނު ކަމަށް ބުނެ ފުލުހުންނަށް އޮޅުވާލައިގެން ބޭނުންކުރަމުންދާ މައްސަލައެއް ވެސް ޝަހީބުގެ މައްޗަށް އޭރު ތުހުމަތުކުރި އެވެ.

ފުލުހުން އޭރު ބުނެފައިވާ ގޮތުން، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަތުލައިގަތް އީރާނު ބޯޓުގެ މައްސަލައާ ޝަހީބު ގުޅުން އޮވެ އެވެ. ނަމަވެސް އެ ބޯޓުން ހައްޔަރުކުރި ހަތް މީހުންނާ ޖާމިނު ވެފައި ވަނީ އޭނާ ކަމަށާއި އެ މައްސަލާގައި ޝަހީބާއި އީރާނުގެ ހަތް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ކުރިން ބުނެފައި ވެ އެވެ.

ޝަހީބަކީ ކުރިން ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު އެކްޓިވިސްޓެކެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި ގއ. ވިލިނގިލީ ދާއިރާ އަށް އޭރުގެ އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަ ވެސް ކުރި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުސޫލުން ބޭރުން މީހުން އަތުން ފައިސާ ނަގައި ފްލެޓު ދިން ކަމަށް ތުހުމަތުުކުރެވުނު މައްސަލައިގައި ވެސް ޝަހީބުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށްފައި ވެ އެވެ.