ސުނިލް އާއި ކަޕިލްގެ އަރާރުމުގެ ސަބަބުން "ކަޕިލް ޝަރުމާ ޝޯ" ހުއްޓާލަނީ
ސުނިލް އާއި ކަޕިލްގެ އަރާރުމުގެ ސަބަބުން "ކަޕިލް ޝަރުމާ ޝޯ" ހުއްޓާލަނީ

އިންޑިއާގެ އެންމެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާއަށް، މިދިޔަ ހަފުތާގައި ވަރަށް ގިނަ މައްސަލަތައް ވަނީ ދިމާވެފަ އެވެ. "ދަ ކަޕިލް ޝަރުމާ ޝޯ"ގައި އޭނާއާ އެކު މުހިއްމު ބައެއް އަދާކުރާ ސުނިލް ގްރޯވަރު އާއި ކަޕިލް އޮސްޓްރޭލިއާ އިން އިންޑިއާއަށް ދިޔަ ފްލައިޓްގައި ކުރި ޒުވާބެއްގައި ސުނިލްއާ ދިމާލަށް ހަޑި ހުތުރު ބަހުން މުޚާތަބުކޮށް އޭނާގެ ގަޔަށް ބޮލަށް ވެސް ކަޕިލް ވަނީ އަރާފަ އެވެ.

މި މައްސަލަ މީޑިއާގައި ފެންމަތިވުމުން ކަޕިލް ވަނީ ސުނިލްގެ ކިބައިން މައާފަށް އެދި އަލުން ސުލްހަވާން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ސުނިލް ހުރީ އަލުން ކަޕިލްގެ ޝޯއަށް ދާ ގޮތަކަށް ނޫނެވެ. ކަޕިލް އެންމެ ފަހުން ޝޫޓްކުރަން އޮތް އެޕިސޯޑް ވެސް ވަނީ މިކަމާ ހެދި ކެންސަލް ކުރަން ޖެހިފަ އެވެ. ސަބަބަކީ ސުނިލްއާ އެއްބައިވެ ޝޯގައި ކަޕިލްގެ މާމަގެ ބައި އަދާކުރާ (އަލީ އަސްގަރް) އާއި ސައި ވިއްކާ މީހާގެ ރޯލު އަދާކުރާ ޗަންދަން ވެސް މި ޝޯ ދޫކޮށްލަން ނިންމާފައި ވާތީ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި "ދަ ކަޕިލް ޝަރުމާ ޝޯ" ދައްކަމުންދާ ސޮނީ ޓީވީ އާއި ކަޕިލްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ މަހު އޮތީ އާކުރަން ޖެހިފަ އެވެ. މިކަމާ ބެހޭ ޚަބަރުތައް ރަނގަޅަށް އެނގޭ މީހުން ބުނަނީ މިއީ 106 ކްރޯޑު (10.6 ބިލިއަން ރުޕީސް)ގެ ޑީލެއް ކަމަށެވެ. ނަމަވެސް ޝޯގެ ބައިވެރިންގެ މެދުގައި ހިނގި ބޮޑު ހަމަނުޖެހުންތަކަށް ފަހު ސޮނީން މިހާރު ކަޕިލްއާ އެކު ކޮންޓްރެކްޓް އާ ނުކުރުމަށް ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ޝޯއާ ބެހޭ މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި އެންމެ ފަހުން މިދިޔަ ހަފުތާގައި ޝޫޓްކުރަން އޮތް "ކަޕިލް ޝަރުމާ ޝޯ"ގެ ޝޫޓިން ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ. ސަބަބަކީ ބައެއް ކުރޫ މެމްބަރުން ގަޑި ޖެހުނުއިރުވެސް ނައުމާއި ޝޯގައި ބައިވެރިކުރާނެ ރަނގަޅު ފިލްމީ ތަރިން ކަޕިލް އަށް ނުވުމެވެ. އެހެންވެ ކަޕިލް ވަީ ބިކަނޭރް ކިޔާ އަވަށެއްގައި ކުރިޔަށްދާ އޭނާގެ "ފިރަންގީ"ގެ ޝޫޓިން އަށް ފުރައިގެން ގޮސްފަ އެވެ. އަދި އޭނާ ދެން އެނބުރި މުމްބައި އަށް ދާނީ މާޗް 29 ވަނަ ދުވަހު ކަމަށްވެ އެވެ.

މި ޝޯއާ ބެހޭ ގޮތުން މައުލޫމާތު ދިން މީހާ ބުނީ "ކަޕިލް ޝަރުމާ ޝޯ"ގެ އެންމެ އެޕިސޯޑަކަށް ސުނިލް ގްރޯވަރަށް ހަތް ލައްކަ ރުޕީސް ލިބޭއިރު ކަޕިލްއަށް ގާތްގަނޑަކަށް އެއް ކްރޯޑު (10 މިލިއަން ރުޕީސް) ލިބޭ ކަމަށެވެ.

އެހެންކަމުން ސޮނީން މި ޝޯ ކުރިޔަށް ގެންދަން ކަޕިލްއާ އެކު އެއްބަސްވުން އާ ނުކޮށްފި ނަމަ މިއީ އޭނާއަށް ލިބޭ ފޫނުބެދޭވަރުގެ ބޮޑު ގެއްލުމަކަށް ވާނެ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ކަލާޒް ޗެނަލުން މިހާރު ވަނީ އެ ޗެނަލުން ފަށާ އާ ކޮމެޑީ ޝޯއެއްގައި ބައިވެރިވުމުގެ ދައުވަތު ސުނިލް އާއި އަލީ އަސްގަރަށް ދީފަ އެވެ. ކުރިން ކަޕިލްގެ ކޮމެޑީ ޝޯ ވެސް ދައްކަމުން ދިޔައީ ކަލާޒް އިންނެވެ.