13 ސެޕްޓެމްބަރ 2025 - 12:47

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮމިޝަންގެ ބިލްގައި ހުރި ކަންބޮޑުވުންތައް އާއްމުންނަށް ކިޔައިދިނުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިންތިޒާމްކުރި ފޯރަމް މިރޭ އޮންނާނެ އެވެ.
ހިޔާލާއި ފިކުރު ކަފުނަށް ގެ ނަމުގައި ބާއްވާ މި ފޯރަމް އޮންނާނީ ރޭގަނޑު 8:45 ގައި އާޓިފިޝަލް ބީޗުގަ އެވެ.
އެ ޖަމިއްޔާއިން ބުނީ ގާނޫނީ ދާއިރާ އަދި ލިޔުންތެރިކަމުގައި ހަރަކާތްތެރިވާ މީހުން އެ ފޯރަމްގައި ވާހަކަދައްކާނެ ކަމަށެވެ. އޭގެ އިތުރުން، 'އޯޕަން މައިކު' އުސޫލުން ގެންދާ ހަރަކާތުގައި އާއްމުންނަށް ވެސް، އެ މީހުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުންޏެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު ހުށަހެޅުއްވި މީޑިއާ ބިލުގައި ހުރި ކަންބޮޑުވުންތަކަށް އާއްމުން ހޭލުންތެރިކުރުވަން ނޫސްވެރިންގެ ޖަމިއްޔާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނޫސްވެރިން ގެންދަނީ އާއްމުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި ލީފްލެޓް ބަހައި ސޯޝަލް މީޑިއާގައި މައުލޫމާތުތައް ހިއްސާކުރަމުންނެވެ.
ނޫސްވެރިންނާއި މީޑިއާތައް އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ކަންބޮޑުުވުންތައް ހުއްޓަސް، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގެ ވިސްނުމަކީ އެ ބިލު ފާސްކުރުމެވެ. އެކަމަށް ބާރު ދިނުމަށް، ސަރުކާރަށް ތާއީދުކުރާ މީހުން ވެސް ސޯޝަލް މީޑިއާގައި އަންނަނީ ކެމްޕެއިން ކުރަމުންނެވެ.
އެކަމަކު، އެ ބިލަށް ހިޔާލު ހޯދުމަށް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މީޑިއާތަކުގެ ތެރެއިން އެއް މީީޑިއާ ފިޔަވައި އެހެން ހުރިހާ ތަނަކުން ވަނީ އެ ބިލު ބޭރުކޮށްދިނުމަށް އެދިފަ އެވެ.