12 ސެޕްޓެމްބަރ 2025 - 21:15

ސުލްޙަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކޮށް މިނިވަން ދައުލަތް ގާއިމްކޮށް، ތަންފީޒު ކުރުމާގުޅޭ ގަރާރު ކަމަށްވާ "ނިއުޔޯކް ޑެކްލެރޭޝަން" އދ. އިން ފާސްކުރުމަށް ރާއްޖެއިން ވޯޓު ދީފި އެވެ.
އެ ޑެކްލަރޭޝަނަކީ މިދިޔަ ޖުލައި މަހުގެ 28 އިން 30 އަށް ސައުދީ އަރަބިއްޔާ އާއި ފްރާންސްގެ ރިޔާސަތުގެ ދަށުން އދ. ގައި ބޭއްވި ކޮންފަރެންސަށްފަހު ހުށަހެޅި ގަރާރެކެވެ.
އެ ގަރާރު ބަލައިގެންފައި ވަނީ މިއަދު ބޭއްވި އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޖަލްސާގަ އެވެ.
އެ ގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން ރާއްޖެ ހިމެނޭ ގޮތަށް 142 ގައުމުގެ ތާއީދާއެކު އެވެ. އެއާ ދެކޮޅަށް 10 ގައުމުން ވޯޓުދީފައިވާއިރު 12 ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ.
އެ ގަރާރުގައި ފާސްކުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓްގައިވަނީ އެ ގަރާރަކީ ފަލަސްތީނުގެ މައްސަލަ ހައްލުކުރަން މުހިންމު ގަރާރެއް ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރުމުގައި ކަމަށް އެ ޕޯސްޓްގައިވެ އެވެ.
އެ ގަރާރުގައި، ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި ދެމެހެއްޓެނިވި ހައްލެއް ހޯދައިދީ ފަލަސްތީނުގައި މިނިވަން ކަމާއި އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށް ގޮވާލައިފަ އެވެ.
އެ ގަރާރު ފާސްކުރުމުގެ ކުރިން އިޒްރޭލުން އިއްޔެ ވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ހުރަސްއެޅޭ ގޮތަށް ގުދުސްއާ ޖެހިގެން، ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއްގައި ޔަހޫދީން އާބާދުކުރުމުގެ މަސައްކަތް ހަލުވިކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ދައުލަތެއް އުފެއްދިޔަ ނުދޭނެ ކަމަށް ބުނެ އިންޒާރުތައް ދީފަ އެވެ.
އިޒްރޭލުން 1967 ވަނަ އަހަރުން ފެށިގެން ހުޅަނގު އައްސޭރިން ހިފައި ޔަހޫދީން ވަޒަންވެރިކޮށްފައިވާ ހުރިހާ ސަރަހައްދުތަކަކީ، އިޒްރޭލުގެ ޕްލޭނިން އެޕްރޫވަލް އޮތް ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ތަންތަނެވެ.