12 ސެޕްޓެމްބަރ 2025 - 19:04

އެމެރިކާގެ ކަނާތުފިޔައިގެ އެކްޓިވިސްޓް ޗާލީ ކާކް މަރާލީ އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށްވާ ޓައިލާ ރޮބިންސަން ކިޔާ މީހެއް ކަމަށް އެމެރިކާގެ ތަހުގީގީ އިދާރާތަކުން ހާމަކޮށްފި އެވެ.

ޔޫޓާއަށް ނިސްބަތްވާ ރޮބިންސަން ހައްޔަރުކުރީ ހަމަލާ ދިން ކަމަށް އޭނާގެ ބައްޕަ ގާތު ބުނުމާ އެކު އޭނާ ގެންގޮސް ފުލުހުންނާ ހަވާލުކުރުމުން ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މިދިޔަ ބުދަ ދުވަހު ޔޫޓާ ޔުނިވަސިޓީގެ އިވެންޓެއްގައި ވާހަކަ ދައްކަން އިންދާ އިމާރާތެއްގެ ފުރާޅުމަތީ އޮވެ ބަޑިން ހަމަލާދީ ކާކް މަރާލި މައްސަލައިގައި ތުހުމަތުވާ މީހާ ހައްޔަރުކޮށްފިކަން ރައީސް ޑޮނަލްޑް ޓްރަމްޕު ހާމަކުރެއްވި އިރު ވިދާޅުވި ގޮތުގައި ތުހުމަތުކުރެވޭ މީހާ ފުލުހުންނާ ހަވާލުކުރީ އެ މީހާއާ ވަރަތް ގާތް މީހެކެވެ. އެއީ ކާކުކަން ހާމަނުކުރެއްވި ނަމަވެސް، އެއީ ތަންފީޒީ އިދާރާތަކުގައި ކުރިން މަސައްކަތްކޮށް އަދި މިހާރު ކްރިސްޓިއަން ފައްޅިއެއްގައި އުޅޭ މީހެއް ކަމަށް ވިދާޅުވި އެވެ.
ތުހުމަތުކުރެވޭ މީހާ ހަމަލާ ދިނުމަށް ފަހު ފުރާޅުމަތިން ދުވަމުން ގޮސް ފުންމާލައި، ގަސްތަކެއްގެ ތެރެއަށް ވަދެ ފިލާތަން ފެންނަ ވީޑިއޯއެއް ވަނީ އާންމުކޮށްފަ އެވެ. އެހެން ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ ހުންނަނީ ކޮންވާސް ބޫޓާއި ކަޅު ކުލައިގެ ބޭސްބޯލް ތޮއްޕަކާއި އަވި އައިނެއް އަޅައިގެންނެވެ.
ހަމަލާ ދިން އިރު، ޖީންސަކާއި، އެމެރިކާގެ ދިދައެއް ޖަހާފައިވާ އަތް ދިގު ޓީޝާޓެއް ލައިގެން ހުރި މި މީހާގެ ބައެއް ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވާން ފަށައިފަ އެވެ.
ރޮބިންސަންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހުރި ބައެއް ފޮޓޯތަކުގައި ވެސް ހަމަ އެ ކޮންވާސް ބޫޓުގައި ހުރެ ނަގާފައިވާ ފޮޓޯތައް އެބަހުއްޓެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުން އާންމުކުރި ފޮޓޯތަކާ އެކު ރޮބިންސަންގެ ބައްޕައަށް ވަނީ އޭނާގެ ދަރިފުޅުކަން އެނގިފަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ބައްޕަ ސުވާލުކުރުން، އެކަން ކުރި ކަމަށް އެއްބަސްވީ ކަމަށް ވެސް ބުނެފައިވެ އެވެ.
ޓްރަމްޕުގެ އެކުވެރިއެއް ކަމަށްވާ ޗާލީ ކާކް މަރުވީ ފޮނުވާލި ހަމައެކަނި އުންޑަ ކަނދުރާއަށް އަމާޒުވެގެންނެވެ.
ތުހުމަތުވާ މީހާ ހޯދޭނެ މައުލޫމާތެއް ދިން މީހަކަށްއެފްބީއައި އިން އޮތީ 100،000 ޑޮލަރުގެ އިނާމެއް ވެސް ހުށަހަޅައިފަ އެވެ.