11 ސެޕްޓެމްބަރ 2025 - 16:23

ހުޅުމާލޭގައި ގާއިމްކުރާ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރާނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާނުކޮށްފި އެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަންކުރި އިއުލާނުގައި ބުނީ ބީލަން ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" އާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށެވެ.
ކޯޓު ކޮމްޕްލެކްސްގެ ބީލަމުގައި ބައިވެރިވުމަށް 1500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އަދި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 4.3 މިލިއަން ރުފިޔާ ހުށަހަޅަން ޖެހެ އެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ބީލަން ޕޯޓަލު މެދުވެރިކޮށް ބީލަން ހުށަހެޅޭނީ އޭގައި އެ ޕޯޓަލުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކޯޓު ކޮމްޕްލެކްސްއެއް މިއަހަރު ތެރޭގައި ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
ޖިނާއީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުން ކަމަށާއި އެކަމާ ގުޅިގެން ކޯޓުތަކަށް ބޭނުންވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ މަސައްކަތްތައް މިހާރު ވަނީ ހުޅުމާލޭގެ ކުރީގެ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ. އެކަމަކު އެތަންތަން ވެސް ބަދަލުކުރީ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ނިމެންދެން ވަގުތީ ގޮތުންނެވެ.