11 ސެޕްޓެމްބަރ 2025 - 11:34

ބޮލީވުޑްގެ ތަރި އައިޝްވާރިޔާ ރާއީ ބައްޗަންގެ ފޮޓޯ އާއި ވީޑިއޯ އޭއައި ބޭނުންކޮށްގެން ހަދާ މައްސަލައެއް އިންޑިއާގެ ދިއްލީގެ ހައި ކޯޓަށް ހުށަހަޅާފައި ވަނިކޮށް ހަމަ އެ ކަހަލަ މައްސަލައެއް އޭނާގެ ފިރިމީހާ އަބީޝެކް ބައްޗަން ވެސް ހުށަހަޅައިފި އެވެ.
އިންޑިއާގެ ނޫސްތަކުގައި މިއަދު ބުނީ އައިޝްވާރިޔާ އާއި އަބީޝެކް ހުށަހެޅި މައްސަލާގައި ވެސް އެމީހުންގެ އަބުރާއި ޝަހުސިއްޔަތު ރައްކާތެރިކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދިފައި ވާތީ، ހައި ކޯޓުން މިހާރު އެ އަމުރު ނެރެފައިވާ ކަމަށެވެ.
އެ ދެމަފިރިން ވަކިވަކިން ހުށަހެޅި މައްސަލަތަކުގައި ވަނީ ހުއްދަ ނެތި އެމީހުންގެ ނަމާއި ފޮޓޯ އަދި އަޑު ވިޔަފާރިގެ ބޭނުމަށް ބޭނުންކުރާ ބައެއް ވެބްސައިޓުތަކާއި ޕްލެޓްފޯމްތައް ބަޔާންކޮށްފަ އެވެ. އަދި އޭއައި އާއި ޑީޕްފޭކްގެ އެހީގައި އެމީހުންގެ ފޮޓޯ ބޭނުންކޮށްގެން ބޭއަދަބީ ފޮޓޯތައް ހަދައި ސޯޝަލް މީޑިއާގައި ދައުރުކުރަމުން ދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އަބީޝެކް ހުށަހެޅި މައްސަލަ ހައި ކޯޓަށް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ އަންނަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ. އެއީ އައިޝްވާރިޔާ ހުށަހެޅި މައްސަލައާ މެދުގައި ވެސް ގޮތެއް ނިންމަން ކަނޑައަޅާފައި އޮތް ތާރީހެވެ.
އެ މައްސަލަތައް ބަލައިގެންފި ނަމަ އަޑު އެހުންތައް އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެ ދެމަފިރިންގެ ދަރިފުޅު އަރަދުޔާ ބައްޗަންއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރި މައްސަލައެއް ވެސް ދިއްލީގެ ހައި ކޯޓަށް ދެ ފަހަރެއްގެ މަތިން ހުށަހަޅާފައިވެ އެވެ. އެންމެފަހުން މިދިޔަ ފެބްރުއަރީ މަހު ހުށަހެޅި މައްސަލަ އަދިވެސް އޮތީ ކޯޓު މަރުހަލާ ނުނިމި އެވެ.