މައުމޫން އިސްކުރައްވަނީ ގައުމީ މަސްލަހަތު، އަމިިއްލަ އެދުންފުޅެއް ނޫން: މައުމޫން ހަމީދު
މައުމޫން އިސްކުރައްވަނީ ގައުމީ މަސްލަހަތު، އަމިިއްލަ އެދުންފުޅެއް ނޫން: މައުމޫން ހަމީދު

ސަރުކާރާ ދެކޮޅަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މަސައްކަތްޕުޅުކުރައްވަނީ "އަމިއްލަ އެދުުންފުޅުގައި" ކަމަށް ބުނެ ބައެއް ފަރާތްތަކުން ކިޔަމުން އަންނަ ފާޑުކިއުންތަކަށް، ވަކީލް މައުމޫން ހަމީދު ރައްދުދެއްވައިފި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައުމޫން އިސްކުރައްވަނީ ގައުމީ މަަސްލަހަތެވެ. އަމިއްލަ އެދުންފުޅެއް ނޫނެވެ.

މައުމޫނަށް ބޮޑުބޭބެ ވިދާޅުވާ ވަކީލްގެ ފޭސްބުކްގައި މިއަދު ލިއުއްވި ޕޯސްޓެއްގައި އޭނާ އެދިވަޑައިގަތީ ސަރުކާރުގެ ޚިނާޔާތާއި ނާޖާއިޒު ގޮތުގައި ބޭނުންކުރާ ބާރާ ދެކޮޅަށް ފާޑުވިދާޅުވުމުގެ ކުރިން ކަންވަމުން އައި ގޮތާއި އޭގެ ފަހުން ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތައް ހަނދާންކޮށްލުމަށެވެ.

މައުމޫން ހަމީދު ވިދާޅުވި ގޮތުގައި އަމިއްލަ އެދުންފުޅަށް މައުމޫން މަސްކަތްޕުޅު ކުރައްވާ ނަމަ އަމަލްތައް ހުންނާނީ އެގޮތަކަށް ނޫނެވެ. ސަރުކާރަށް ފާޑުވިދާޅުވާން ފެށުމުން އެމަނިކުފާނަށާއި އާއިލާއަށް ފިއްތުންތައް ކުރިމަތިވި ނަމަވެސް އަދިވެސް ހުންނެވީ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ލިއުއްވި ގޮތުގައި ސަރުކާރަށް ފާޑުވިދާޅުވާން ފެށުމުން "މިނިވަން" މުއައްސަސާތަކުން އެކި ތުހުމަތުތަކުގައި މައުމޫނާ ސުވާލުކުރި އެވެ. ގާނޫނީ ގޮތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވަން ޖެހޭ އިނާޔަތާއި ހިމާޔަތަށް ވަނީ ބަދަލުގެނެސްފަ އެވެ. ކަމާ ބެހޭ ހުރިހާ އިދާރާއަކުން މައުމޫނާ ދެކޮޅަށް އެޅެން އޮތް ފިޔަވަޅެއް އަޅަމުން އަންނަ މަންޒަރު ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުމޫންގެ ދޮށީ ދަރިކަލުން ފާރިސް މައުމޫން، ދޭތެރެ ދޭތެރެ އިން ޕޮލިހަށް މިހާރު ހާޒިރުކުރާ މައްސަލަ ވެސް މައުމޫން ހަމީދު ނެންގެވީ، ކުރީގެ ރައީސް ސަރުކާރާ ދެކޮޅަށް މަސައްކަތްޕުޅު ކުރައްވަނީ އަމިއްލަ އެދުންފުޅެއް އޮވެގެން ކަމަށް ބުނާ މީހުންނަށް ދެއްވި ރަައްދެއްގެ ގޮތުގަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުއާ ދެކޮޅަށް މާދަމާ ނަގާ އިތުބާރު ނެތްކަމުގެ ވޯޓުގައި އެންމެ އިސްކޮށް އުޅުއްވަނީ ފާރިސް އެވެ.

މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ދައުލަތުގެ މީޑިއާ އާއި މިނިސްޓަރުންނާއި ސަރުކާރުގެ އެހީ އެކި ގޮތްގޮތަށް ލިބޭ މީހުން ވަނީ މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުންގެ އަގުވައްޓާލައިފަ އެވެ.

އެފަދަ ކަމެއް ތިމާއަށާއި އަދި ޚާއްސަކޮށް ތިމާގެ ދަރިންނަށް ކުރިމަތިވާން އެއްވެސް މީހަކު އެދޭނެތޯ، އޭނާ ސުވާލުކުރެއްވި އެވެ. އަދި ސަރުކާރުގެ ޚިނާޔާތާއި ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމުގެ މައްސަލަތަކާ ބެހޭ ގޮތުން ފާޑުކިއުއްވަން ފެއްޓެވުމުގެ ކުރިން އެމަނިކުފާނަށް އެއިން އެއްވެސް ކަމެއް ދިމާވިތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ. އެ ދެ ސުވާލުގެ ޖަވާބަކީ ވެސް "ނޫނެކޭ" ކަމާއި އެއީ ފެންނަން އޮތް ހަގީގަތް ކަމަށް ވެސް ލިއުއްވި އެވެ.

މައުމޫން ހަމީދު ދެކެވަޑައިގަންނަވާ ގޮތުގައި އަމިއްލަ އެދުންފުޅަށް ރައީސް މައުމޫން މަސައްކަތްޕުޅު ކުރައްވާ ނަމަ، އެފަދަ މައްސަލަތައް ކުރިމަތިވެވަޑައިގަންނަވާނެ ގޮތަކަށް އަމަލްތަކެއް ނުބަހައްޓަވާނެ އެވެ.

"މި ހުރިހާ ކަމަކަށް މިންއަޅާ ނަމަ ފެންނަން އޮތީ އަމިއްލަ އެދުމަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރާ ކަމެވެ،" މައުމޫން ހަމީދު ލިއުއްވި އެވެ.