10 ސެޕްޓެމްބަރ 2025 - 15:11

އޮފީސް ހިންގާނެ އިމާރާތެއް ހަމަނުޖެހުމުން މޯލްޑިވްސް ސްކައުޓް އެެސޯސިއޭޝަންގެ އޮފީހާއި ފިހާރަ ވަގުތީ ގޮތުން މިއަދު ބަންދުކޮށްފި އެވެ.
އެ އެސޯސިއޭޝަނުން ނެރުނު ނޯޓިސްއެއްގައި ބުނީ ސްކައުޓްގެ އިދާރާ އާއި ފިހާރަ މިއަދުގެ ކުރިން ހުސްކުރަން އަންގާފައިވާ ކަމަށެވެ. އިތުރު އިމާރާތެއް ހަމަޖެހެންދެން އެ އިދާރާ އާއި ފިހާރަ ބަންދުވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
"...އިތުރު އިމާރާތެއް ހަމަޖެހެންދެން ގައުމީ ސްކައުޓް އިދާރާ އަދި ފިހާރަ ވަގުތީ ގޮތުން ބަންދުކުރެވިފައިވާ ވާހަކަ ހިތާމައާއެކު ދަންނަވަމެވެ،" އެ ނޯޓިސްގައި ބުންޏެވެ.
އެ އޮފީސް ބަންދުކުރުމުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ވެސް އެ ނޯޓިސްގައި ސްކައުޓް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު މައީދު މުހައްމަދު ޒާހިރު "މިހާރު" އަށް ވިދާޅުވީ މިއަދުގެ ނިޔަލަށް އެ އިމާރާތް ހުސްކުރަން އެޑިއުކޭޝަން މިނިސްޓްރީން އެ އެސޯސިއޭޝަނާ އެކު ބޭއްވި ބައްދަލުވުމެއްގައި އަންގާފައިވާ ކަމަށެވެ.
އެކަމަކު، އެ އެސޯސިއޭޝަން ހިންގަން އެހެން އިމާރާތެއް އަދި ހަމަނުޖެހޭތީ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކައުޓް އޮފީސް މިހާރު ހިންގަނީ ޗާންދަނީ މަގުގައި ހުންނަ އަރަބިއްޔާ ސްކޫލްގެ އިމާރާތުގަ އެވެ. އެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ވެފައި ހުރުމުން 2022 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ވަނީ އެ ސްކޫލްގައި ކިޔަވައިދިނުން ހުއްޓާލައިފަ އެވެ.
ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ހިންގާ ސްކައުޓް ހަރަކާތްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަނީ ސްކައުޓްގެ އޮފީހުގައި ހުންނަ ފިހާރައިންނެވެ.