މޯލްޑިވިއަން އައިޑޮލްއިން ކެޓިޔަސް ރީހާންގެ އަޑެއް ނުކެނޑޭނެ
މޯލްޑިވިއަން އައިޑޮލްއިން ކެޓިޔަސް ރީހާންގެ އަޑެއް ނުކެނޑޭނެ

މޯލްޑިވިއަން އައިޑޮލް ސީޒަން 2ގެ ގަދަ 10 އާ ހަމައިން، ރީހާން އަހުމަދު ކަޓައި، މުބާރާތުގެ ގަދަ ނުވައެއް ރޭ ކަށަވަރުވެއްޖެ އެވެ.

މޯލްޑިވިއަން އައިޑޮލްއިން ކެޓިޔަސް ރީހާންގެ އަޑެއް ނުކެނޑޭނެ
މޯލްޑިވިއަން އައިޑޮލްއިން ކެޓިޔަސް ރީހާންގެ އަޑެއް ނުކެނޑޭނެ

ރީހާނަކީ މި ފަހަރުގެ އައިޑޮލްގެ ބައިވެރިންގެ ތެރެއިން އެންމެ ރީތި އެއް އެކަކު ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. ހަށިގަނޑުން ކުޑަކޮށް ހުއްޓަސް، މި ލަވަ ކިޔުންތެރިޔާގެ އަޑު ވަރުގަދަ އެވެ.

މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ޝިފާ ތައުފީގް އައިޑޮލްގެ މެހްމާނެއްގެ ގޮތުގައި ބައިވެރިވި ރޭ، އޭނާ ވަނީ ރީހާނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ޝިފާ ބުނީ ރީހާންގެ އަޑަކީ މި ފަހަރުގެ ޝޯ އިން އިވިގެންދާ އެންމެ ރީތި ފިރިހެން އަޑު ކަމަށެވެ.

ރީހާން ބުނީ މޯލްޑިވިއަން އައިޑޮލްއާ ވަކިވާން ޖެހުނަސް މިއުޒިކީ ދާއިރާއާ ވަކިވުމެއް ނެތް ކަމަށެވެ.

އެހެންވެ ކުރިއަށް އޮތް ތަނުގައި އޭނާ ބޭންޑަކުން ފެންނާނެ ކަމަށް ބުންޏެވެ. ރީހާން ބުނީ އޭނާ ފެންނާނީ ޕޮޕް ބޭންޑަކުން ކަމަށާއި އެ ބޭންޑަކީ ކޮބައިކަން ވެސް ނިންމައިފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި އައިޑޮލްއަކީ ވަރަށް ގިނަ ކަންކަން ދަސްވި ޝޯއެއް ކަމަށެވެ. މި ތަޖުރިބާގެ ބޭނުން ކުރިއަށް އޮތް ތަނުގައި ވެސް ހިފާނެ ކަމަށް ބުންޏެވެ.

ރީހާންގެ އަޑަށް ލޯބިކުރާ މީހުންނަށް ގައިމު ވެސް އެއީ އުފާވެރި ހަބަރަކަށް ވާނެ އެވެ.

1. މުހައްމަދު ތަސްނީމް (ބޮބް) 2. އިބްރާހީމް ވަހީދު (ބޮޑުބެ) 3. ޝަމްވީލް މުހައްމަދު (ބޮރޯ) 4. ހަމޫދު އަހުމަދު (އަލްވިން) 5. އަހުމަދު ނަބީލް މުހައްމަދު 6. ހުސައިން އިރުފާން (ޒަކިއްޓެ) 7. އަބްދުﷲ ހިޝާން 8. އަހުމަދު ފަރަޝް 9. އައިޝަތު ޖައިޝާ ވަހީދު (ޖައި)

މިދިޔަ ހަފުތާގެ މޯލްޑިވިއަން އައިޑޮލް ޝޯ ކެންސަލް ކުރުމަށް ފަހު، މި ހަފުތާ ބަންދުގައި ގެނެސް ދިން ދެ ޝޯގެ ތެރެއިން ރޭގެ ޝޯއަކީ އެލިމިނޭޝަން ނައިޓެވެ. މި ޝޯގައި ގަދަ ނުވައެއް ރޭ ކަށަވަރުވި އިރު، ޝޯގައި މަޝްހޫރު ލަވަ ކިޔުންތެރިޔާ އަހުމަދު އާތިފް ބައިވެރިވި އެވެ.

ރޭގެ ޝޯގައި މުޅިން ވެސް ބައިވެރިން ހުށަހަޅައި ދިނީ އާތިފްގެ ލަވަތެކެވެ. އޭނާ ވަނީ ކޮޕްސް ބޭންޑާ އެކު ވަރަށް ހިތްގައިމު ލަވަތަކެއް އެހުންތެރިންނަށް މިއަދާ ހަމައަށް ދޫކޮށްލައިފަ އެވެ.

އޭގެ ތެރޭގައި ވަރަށް މަގުބޫލު އަދި އެހާމެ މަޝްހޫރު ގައުމީ ލަވަތައް ހިމެނެ އެވެ. ރޭގެ ޝޯ ފެށީ ވެސް އާތިފު ކިޔާފައިވާ ގައުމީ ލަވައެއް، ބައިވެރިންގެ ގްރޫޕް ހުށަހެޅުމަކާ އެކުގަ އެވެ.