10 ސެޕްޓެމްބަރ 2025 - 14:35

ރާއްޖޭގައި އުފަންވާ ކުދިންގެ ސިއްހަތާ ބެހޭ ދާއިރާއަށް އަވަސް ކުރިއެރުންތަކެއް ބޭނުންވާ ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އައިޖީއެމްއެޗުން އިސްނަގައިގެން ކުރިއަށްގެންދާ ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ފަސްޓްލޭޑީ ވިދާޅުވީ ރާއްޖޭގައި އުފަންވާ ކުދިންގެ ސިއްހަތާބެހޭ ކަންކަމުގައި ވަރަށް ހިތްދަތި ކަންކަން ދިމާވެފައިވާކަން އެ ދާއިރާގެ ތާރީހީ ލިއުންތަކުން ހާމަވާ ކަމަށެވެ.
އެހެންވެ، އަލަށް އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށްޓަކައި އެ ދާއިރާއަށް އަވަސް ކުރިއެރުންތައް ބޭނުންވާ ކަމަށާއި ތަނާއި ޖާގަ އަދި އިންސާނީ ހުނަރާއި ގާބިލުކަން ވެސް ބޭނުންވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ފަސްޓްލޭޑީ ވިދާޅުވީ ސިއްހީ ދާއިރާގައި އިލްމާއި ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ގޮތް ފާހަގަކުރެވޭ ކަމަށެވެ.
އޭގެ ތެރޭގައި، އަލަށް އުފަންވާ ކުދިންނާ ގުޅުންހުރި ކަންކަމަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާ ޓެކްނޮލޮޖީ އެބަހުރި ކަމަށާއި އެފަދަ ކޮންފަރެންސްތަކުގައި ކުރާ މަޝްވަރާތަކުން ވެސް ރާއްޖޭގައި އޭގެ ކަންކަން ތަންފީޒުކުރުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި އެވެ.
ފަސްޓްލޭޑީ ވިދާޅުވީ ދެ ދުވަހަށް ގެންދާ ކޮންފަރެންސްގެ މައުޟޫއަކީ ކޮންމެ ދިވެއްސެއްގެ ހަޔާތާ ވެސް ގުޅިފައިވާ މައުޟޫއެއް ކަމަށެވެ. އެހެންވެ، އެ ކޮންފަރެންސްގައި ކުރާ މަޝްވަރާތަކާއި ނިންމާ ނިންމުންތައް ތަންފީޒުކުރަން އެންމެން ގުޅިގެން މަސައްކަތްކޮށްދިނުމަށް އެކަމަނާ އެދިވަޑައިގެންނެވި އެވެ.