10 ސެޕްޓެމްބަރ 2025 - 13:22

ބީއެމްއެލްގެ އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ)އާ އެކު ސްޓްރެޓީޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގައި ރިސައިކަލް ކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތިމާވެއްޓާއި ރައްޓެހިގޮތަށް ޕްލާސްޓިކް މެނޭޖްކުރުމެވެ. އެ އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ގާއިމްކޮށްފައިވާ މޯޕާގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީގައި، އިތުރު ފެސިލިޓީއެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ތަނުގައި ޕެޓް ޕްލާސްޓިކް ގްރައިންޑާތައް ގާއިމުކުރުމަށްފަހު ޕްލާސްޓިކް ފުޅިތައް ގްރެނިއުލްސްއަށް ބަދަލުކޮށް، އިންޑިއާ އަދި މެލޭޝިއާގެ ރީސައިކްލިން ފެސިލިޓީތަކަށް އެކްސްޕޯޓްކުރާނެ އެވެ.
އެ އެއްބަސްވުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯޕާއާ ގުޅިގެން މަސައްކަތްކުރުމަށް ފުރުސަތު ލިބުމަކީ އެ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.
"ރާއްޖޭގެ ޕްލާސްޓިކް ރީސައިކްލިންގެ ގާބިލުކަން އިތުރުކޮށް، ސަރަހައްދީ ފެސިލިޓީތަކަށް އެކްސްޕޯޓްކުރުމަށް މަގުފަހިކޮށްދީ، އަޅުގަނޑުމެން މި ދަނީ ރާއްޖޭގެ ދެމެހެއްޓެނިވި މުސްތަގުބަލެއް ގާއިމުކޮށް ތިމާވެއްޓަށް ފައިދާހުރި ބަދަލުތަކެއް ގެނެވޭނެކަން ދައްކައިދެމުން،" ޝަރީފް ވިދާޅުވި އެވެ.
އެ އެއްބަސްވުމާ ގުޅޭ ގޮތުން މޯޕާގެ ރައީސް އަހުމަދު މައުމޫން ވިދާޅުވީ، ބީއެމްއެލްއާ އެކު ސޮއިކުރި އެއްބަސްވުމަކީ މޯޕާގެ މަސައްކަތްތައް ގައުމީ ފެންވަރެއްގައި ހިންގާ ރީސައިކްލިން މަސައްކަތްތަކަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އާ ފެސިލިޓީ ގާއިމުކުރުމުން، ގިނަ އަދަދެއްގެ ޕްލާސްޓިކް ބޭނުންތެރި ރޯމެޓީރިއަލްއަށް ބަދަލުކޮށް، ކުނި މެނޭޖް ކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށައި، ދެމެހެއްޓެނެވި ހަރުދަނާ ނިޒާމެއް ގާއިމްކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ބީއެމްއެލް އީއެންވީ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް ހޭދަކުރާނެ އެވެ. އެ ޕްރޮގްރާމަށް ކަސްޓަމަރުން ވެސް އަދި ވިޔަފާރިތަކުން ވެސް އެއްވެސް އިތުރު ހަރަދެއް ކުރާކަށް ނުޖެހޭނެ އެވެ. އެ ކެމްޕެއިންގެ ދަށުން އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ކަނޑުފަރުގެ ދިރުންތައް އަންނަން އޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެ އެވެ.
އެ ޕްރޮގްރާމްގެ ދަށުން، ޕާލޭގެ އެއާ ސްޓްރެޓެޖީއަށް އެހީތެރިވެދީ ޕާލޭ މޯލްޑިވްސް އިން ޖަރުމަނުވިލާތަށާއި، ތައިވާނާއި މެލޭޝިއާއަށް ޕްލާސްޓިކް އެކްސްޕޯޓްކުރުމުގެ މަސައްކަތަށް ވެސް ބީއެމްއެލްއިން ވަނީ އެހީތެރިވެފަ އެވެ.