މުސްލިމުން ގޯސްކޮށް "ކަޝްމީރް ފައިލްސް" ހެދި ޑައިރެކްޓަރަށް މިފަހަރު ބޮޑު ނާކާމިޔާބީއެއް!
މުސްލިމުން ގޯސްކޮށް "ކަޝްމީރް ފައިލްސް" ހެދި ޑައިރެކްޓަރަށް މިފަހަރު ބޮޑު ނާކާމިޔާބީއެއް!

މުސްލިމުން ގޯސްކޮށް "ދަ ކަޝްމީރް ފައިލްސް"ގެ ނަމުގައި ފިލްމެއް ގެނެސްދިން އިންޑިއާގެ ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީގެ އާ ފިލްމު "ދަ ބެންގޯލް ފައިލްސް"އަށް ބޮޑު ނާކާމިޔާބީއެއް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އެ ފިލްމަށް ބޮކްސް އޮފީހުގައި އަދި ލިބުނީ އެންމެ ނުވަ ކްރޯޑް ރުޕީސް އެވެ. އަދި ދުވަހެއް ދުވަހަކަށް ފިލްމަށް ލިބޭ އާމްދަނީ ދަނީ ދަށްވަމުންނެވެ. މިއީ 50 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމަކަށް ވާއިރު، ހަރަދު ރިކަވާ ނުކުރެވޭނެ ކަމަށް އެނަލިސްޓުން މިހާރު ވަނީ ލަފާކޮށްފަ އެވެ.

ހިޔާލީ ވާހަކައަކަށް ބިނާކޮށް "ދަ ކަޝްމީރް ފައިލްސް"ގެ ނަމުގައި 2022 ވަނަ އަހަރު ވިވެކް ގެނެސްދިން ތުރިލާ ފިލްމަކީ ނުވަދިހައިގެ އަހަރުތަކުގައި ކަޝްމީރުގައި ދިރިއުޅުނު ހިންދޫންގެ މީހުންތަކަކަށް ދިމާވި އަނިޔާވެރި ކަންތައްތަކެއް ދެއްކި ފިލްމެކެވެ. އެއީ، ހަރުކަށި ފިކުރުގެ މުސްލިމުންތަކެއް ހިންދޫ އާއިލާއެއްގެ ދެމަފިރިން މަރާލުމުން ދިމާވާ ކަންތައްތަކެކެވެ.

"ދަ ބެންގޯލް ފައިލްސް"އަކީ ވެސް ހަމަ އެ ކަހަލަ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އިނގިރޭސިން އިންޑިއާއިން ފައިބައިގެން ދިޔަތަނާ ކަލްކައްތާގައި މުސްލިމުންނާއި ހިންދޫންނާ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގައި ހިނގި ކަންތައްތަކުގެ މައްޗަށެވެ. މި ފިލްމުގައި ވެސް ގޯސްކޮށްފައި ވަނީ މުސްލިމުންނެވެ.

"ދަ ކަޝްމީރް ފައިލްސް" އަކީ 15 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ. އިންޑިއާގެ ހަރުކަށި ހިންދޫންގެ ޕްރޮޕެގެންޑާ ފިލްމެއްގެ ގޮތުގައި މަޝްހޫރުވި އެ ފިލްމަށް 340 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ. އޭގެ ކުރިން "ދަ ތަޝްކެންތު ފައިލްސް"ގެ ނަމުގައިި 2019 ވަނަ އަހަރު ވެސް ޕްރޮޕެގެންޑާ ފިލްމެއް އޭނާ ގެނެސްދީފައިވެ އެވެ.

"ދަ ބެންގޯލް ފައިލްސް"ގެ ނާކާމިޔާބީއާ މެދުގައި ހިތާމަކުރާ ކަމަށް ވިވެކް މީޑިއާއަކަށް މި ހަފުތާގައި ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ.

"އަހަންނަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ފައިސާ. އެއްވެސް މީހަކު އަހަރެމެންގެ ފިލްމަށް އުއްމީދެއް ނުދޭ ފަހު ވަގުތާ ޖެހެންދެން ވެސް. ކަޝްމީރް ފައިލްސް އިން ލިބުނު އާމްދަނީ ބޭނުންކުރީ ދަ ބެންގޯލް ފައިލްސް ހަދަން. ދެން ނޭނގޭ މާލީ ގޮތުން އަހަންނަށް ވާނެ ގޮތެއް،" ވިވެކް ބުންޏެވެ.

"ދަ ބެންގޯލް ފައިލްސް" ހަދަން ދަރަންޏަށް ވެސް ފައިސާ ނެގި ކަމަށް އޭނާ ބުންޏެވެ.